މަތީ ކޯޓުގެ ހުކުމަށް ޓްރަމްޕްގެ ނުރުހުން، ޑިޔުޓީ ބޮޑުކުރާނެ އެހެން ގޮތެއް ހޯދާނެ

ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވާންނުޖެހޭ ކަމަށް އިޝާރާތް ކުރައްވަމުން، ޓްރަމްޕް ވަނީ، އެހެން ގާނޫނުތަކުގެ ދަށުން ބޮޑުކުރި ޑިޔުޓީ ދެމެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ހުކުމަށްފަހު، ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: އޭއެފްޕީ

އެމެރިކާއަށް އެކި ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރުމުގެ ގާނޫނީ ބާރެއް ރައީސަށް ލިބިވަޑައިނުގަންނަވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޑިޔުޓީ ބޮޑުކުރާނެ އެހެން ގޮތެއް ހޯއްދަވާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓު (އައިއީއީޕީއޭ)ގެ ދަށުން، ޓެރިފް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެ ހުކުމާ ގުޅިގެން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުގެ މަސްލަހަތު ހިމާޔަތްކުރުމުގެ އަވައިގައި ޖެހިފައިވާ ކަމަށެވެ. 

އަދި ޑިޔުޓީ ބޮޑުކުރުމާ ދެކޮޅަށް ރައުޔު ނެރުއްވި ފަނޑިޔާރުންނަކީ ގާނޫނުއަސާސީއަށް ވަފާތެރި ބައެއް ނޫން ކަމަށް ވިދާޅުވެ، ވަކިވަކި ފަނޑިޔާރުންނަށް ވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވާންނުޖެހޭ ކަމަށް އިޝާރާތް ކުރައްވަމުން، ޓްރަމްޕް ވަނީ، އެހެން ގާނޫނުތަކުގެ ދަށުން ބޮޑުކުރި ޑިޔުޓީ ދެމެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. 

މިގޮތުން، ޓްރޭޑް އެކްސްޕޭންޝަން ގާނޫނުގެ ދަށުން، 10 ޕަސެންޓާ ހަމައަށް 150 ދުވަސް ވަންދެން ޑިޔުޓީ ބޮޑުކޮށްފައި ބޭއްވުމުގެ މަގު ހިޔާރުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޑިޔުޓީ ބޮޑުކޮށްގެން އެމެރިކާގެ އިގުތިސާދުގެ ތެރެއަށް ވަންނަމުންދާ އިތުރު އާމްދަނީ ނުހުއްޓި ކުރިއަށް ގެންދަންޖެހޭކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ ހަރުކަށި އިގުތިސާދީ ސިޔާސަތުގެ ދަށުން، އެމެރިކާއިން ބޭނުންވާ ކަންކަން ކުރުވުމުގައި ޓްރަމްޕްގެ ސަރުކާރުން ދަނީ ޓެރިފް ބޮޑުކުރުން، ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރައްވަމުންނެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމުގެ ސަބަބުން އެކަމަށް ހުރަސްއެޅުމުގެ އިތުރުން، 2026 އިން 2035 ވަނަ އަހަރާ ހަމައަށް ޑިޔުޓީގެ ގޮތުގައި އެމެރިކާއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ 3.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވެސް ވަނީ ހިޔަނި އެޅިފަ އެވެ. 

ސުޕްރީމް ކޯޓުގެ މި ހުކުމާ އެކު، ޓްރަމްޕް ބޮޑުކޮށްފައިވާ އެވްރެޖު ޓެރިފް ރޭޓު، 16.8 ޕަސެންޓުން 9.5 ޕަސެންޓަށް ދަށްވާނެ ކަމަށް އިގުތިސާދީ މާހިރުން ލަފާކުރައްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.