ޓީ-ބިލަކީ ކުރު މުއްދަތަށް ފައިސާ ހޯދުމަށްޓަކައި ޑިސްކައުންޓް އަގުގައި ވިއްކާ ސެކިއުރިޓީއެކެވެ. މިއީ ސިލްސިލާކޮށް ސަރުކާރުތަކުން ކުރާ ކަމެކެވެ. މިދިޔަ އަހަރުތަކުގައި ވިއްކާފައިވާ ޓީބިލާއި ޖުމްލަ ސެކިއުރިޓީގެ އަދަދު 91 ބިލިއަނަށް އަރަ އެވެ.

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.1 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ ޓީ-ބިލް ގަތުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން މިއަދު ހުޅުވާލި ފުރުސަތުގައި ބިލްތަކަށް ސަބްސްކްރައިބް ކުރުމުގެ ސުންގަޑިއަކީ 22 ފެބްރުއަރީ 2026 އެވެ. އަދި ސެޓްލްމަންޓް ތާރީޚަކީ 23 ފެބްރުއަރީ 2026 އެވެ.
ޓީ-ބިލަކީ ކޮބާ؟ - ޓީ-ބިލަކީ ސަރުކާރުން ކުރު މުއްދަތަށް ފައިސާ ހޯދުމަށްޓަކައި ޑިސްކައުންޓް އަގުގައި ވިއްކާ ސެކިއުރިޓީއެކެވެ. މީގެ މުއްދަތު ހަމަވުމުން ބިލް ގަތް ފަރާތަށް ބިލްގެ ފޭސް ވެލިއު ސަރުކާރުން އަނބުރާ ދައްކާނެ އެވެ. ރާއްޖޭގައި އާންމުކޮށް ޓީ-ބިލް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.

ޓީބިލް ވިއްކަން ހުޅުވާލިއިރު ދިވެހި ސަރުކާރުން އެތެރޭގައި ވިއްކާފައިވާ ސެކިއުރިޓީގެ މިންވަރު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 91.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެެތެރޭއިން 41.1 ބިލިއަން ރުފިޔާއަކީ ޓީބިލެވެ. އަދި ޓްރެޜަރީ ބޮންޑުގެ ޖުމްލަ އަދަދު ހުރީ 28.0 ބިލިއަން ރުފިޔާގަ އެވެ. އަދި އިސްލާމިކް އިންސްޓްރޫމަންޓުގެ ޖުމްލަ 5.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެމްއެމްއޭގެ "ގަވަރްމަންޓް ސެކިއުރިޓީޒް އައުޓްސްޓޭންޑިންގް" އިން ދައްކާ ގޮތުން މި ސެކިއުރިޓީޒްތަކުގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ވިޔަފާރި ބޭންކުތަކުންނެވެ. ޓީ-ބިލްގެ ތެރެއިން 21.6 ބިލިއަން ރުފިޔާ ބޭންކު ތަކުން ހިއްސާކުރާއިރު، އަމިއްލަ ފައިނޭންޝަލް ކޯޕަރޭޝަންތަކުގެ ހިއްސާ 17.2 ބިލިއަން ރުފިޔާ ހިއްސާކުރެ އެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރު އަދި ކުދި އިންވެސްޓްމަންޓްތައްވެސް މީގެ ތެރޭގައި ހިމެނެ އެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުގެ ކުރު މުއްދަތުގެ ދަރަނި ހަމަޖެއްސުމަށް ޓީ-ބިލް ވިއްކާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވަކިން ހާއްސަކޮށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތުގެ ބޮންޑުތަކުގެ ގޮތުގައި 21.4 ބިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.
ސަރުކާރުން އެތެރެއިން ދަރަނި ހޯދަން ވިއްކާފައިވާ ސެކިއުރިިޓީސްގެ ބޮޑު ބަޔަކީ ހުރީ އެއް އަހަރުގެ ޓީ-ބިލްތަކެވެ. މީގެ މާނައަކީ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ބޮޑު އަދަދެއް ރޯލް-އޯވާ ކުރަން (އަލުން ދަރަނި އާކުރަން ނުވަތަ ދައްކަން) ޖެހޭނެ އެވެ. ދަރަނީގެ ބޮޑުބަޔަކީ (41.1 ބިލިއަން ރުފިޔާ) ކުރު މުއްދަތުގެ ޓީ-ބިލް އެވެ. މީގެ ތެރެއިން ގިނަ ބިލްތަކަކީ އެއް އަހަރު ތެރޭގައި މުއްދަތު ހަމަވާ އެއްޗެއްސަށް ވާތީ، ކޮންމެ އަހަރަކުވެސް އެ ފައިސާ އަނބުރާ ދެއްކުމަށް ނުވަތަ އަލުން އާކުރުމަށް ނުވަތަ ރޯލްއޯވާ ބޮޑު މަސައްކަތެއް ކުރަންޖެހެ އެވެ. މިއީ ބަޖެޓަށް އަންނަ ބޮޑު ޕްރެޝަރެކެވެ. މީގެ އިތުރުން ބާޒާރުގައި އިންޓްރެސްޓް ރޭޓް މަތިވެއްޖެ ނަމަ، ސަރުކާރުން އަލަށް ދޫކުރާ ޓީ-ބިލްތަކާއި ބޮންޑުތަކަށް ދައްކަންޖެހޭ އިތުރު ފައިސާ ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވާނެ އެވެ. މިއީ ދައުލަތުގެ ހަރަދުތައް އިތުރުވެ، ބަޖެޓް ޑެފިސިޓް ބޮޑުވުމަށް މެދުވެރިވާނެ ސަބަބެކެވެ.
ގަވަރްމަންޓް ސެކިއުރިޓީޒް އައުޓްސްޓޭންޑިންގް" ރިޕޯޓުގައިވާ ގޮތުން ވިޔަފާރި ބޭންކުތަކުން ވަނީ ސަރުކާރަށް ގާތްގަނޑަކަށް 24.8 ބިލިއަން ރުފިޔާ (ޓީ-ބިލާއި ބޮންޑު ހިމެނޭހެން) ދޫކޮށްފަ އެވެ. މިގޮތަށް ފައިސާ ދޫކުރުމުން އަމިއްލަ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ލޯނު ދޫކުރާނެ މިންވަރު މަދުވެދާނެ އެވެ. އަދި އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހަނިވުމުގެ ފުރުސަތު އޮންނާނެ އެވެ.
މިހާތަނަށް ވިއްކާފައިވާ ޓީބިލްތަކުގައި ޑޮލަރުގެ ޓީބިލްވެސް ހިމެނެ އެވެ. ބޭރު ފައިސާއިން ނަގާފައިވާ ދަރަނިތައް އަނބުރާ ދައްކާއިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވެ އެކްސްޗޭންޖް ރޭޓަށް ޕްރޮޝަރު ބޮޑުވެ އެވެ. މީގެ އިތުރުން ދިގު މުއްދަތުން ދައްކާ ހަލާސް ކުރަން ބޮންޑަށް 20 އަހަރުގެ މުއްދަތެއް ލިބުނު ނަމަވެސް ހަލާސްކުރަން ޖެހޭ ދަރަނި 21.4 ބިލިއަން އަަށް އަރަ އެވެ. މިއީ އަންނަން އޮތް ޖީލުތަކުން ވެސް އުފުލަންޖެހޭނެ ބޮޑު މާލީ ބުރައަކަށްވެ އެވެ.