މި މަސައްކަތް ލިބިފައިވަނީ އިސްރާއިލް ކުންފުންޏަކާއެކު އޮތް ޖޭވީ އަކަށެވެ. މި މަޝްރޫއު ލިބުމާއެކު އެމެރިކާގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް، އިސްރާއީލުގެ ޑްރޯން އުފައްދާ ކުންފުންޏެއް ކަމަށްވާ އެކްސްޓްރެންޑް އާއި ފްލޮރިޑާގެ ޒެޑްޓްރެެންޑް އާއި ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ޖޭއެފްބީ ކޮންޓްރަކްޝަން ހޯލްޑިންސް އެއްކޮށްލުމަށް ހިންގާ 1.5 ބިލިއަން ޑޮލަރުގެ މުއާމަލާތުގައި އިންވެސްޓް ކުރަން ނިންމައިފި އެވެ.
އަލްޖަޒީރާގައިވާ ގޮތުން ޓްރަމްޕްގެ އާއިލާއިން މި އިންވެސްޓްމަންޓް ކުރަނީ ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ދެވަނަ ދައުރު ފައްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އާއިލާގެ ވިޔަފާރި ފުޅާކުރުން ކަމަށް ބުނެ އެމެރިކާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކެމްޕޭން ލީގަލް ސެންޓަރުގެ މާހިރު ކެޑްރިކް ޕޭން ވިދާޅުވި ގޮތުގައި މިއީ ރައީސްގެ އާއިލާއިން މަގާމުގެ ނުފޫޒުން މަންފާ ހޯދާކަމުގެ ހެއްކެކެވެ. އަދި މީގެ ކުރިން ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަންގެ ވިޔަފާރިތަކާ ގުޅިގެން ރިޕަބްލިކަން ޕާޓީން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި ނަމަވެސް، މިހާރު ޓްރަމްޕްގެ އާއިލާއިން ހިންގާ މިފަދަ މުއާމަލާތްތަކާ މެދު އެ ޕާޓީން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެކްސްޓްރެންޑްއަލީ އިސްރާއީލު ސިފައިން ގާޒާގައި ހިންގާ ހަނގުރާމައިގައި ބޭނުންކުރާ ޑްރޯންތައް އުފައްދާ ކުންފުންޏެކެވެ. މީގެ އިތުރުން، މި ކުންފުންޏަކީ އެމެރިކާގެ ޕެންޓަގަން އާއެކު މިލިއަނުން ޑޮލަރުގެ އެއްބަސްވުންތައް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އަދި މި މުއާމަލާތުގައި އެރިކްގެ ބޭފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ ޔުނިވާސަލް މެޝިން ކުންފުނިންވެސް އިންވެސްޓް ކުރެ އެވެ.