މަސައްކަތްތެރިންގެ ދުވަސް ބަންދުކޮށް، ދަރިފުޅަށް 2 އަހަރު ވަންދެން ހުސްވަގުތު ދޭންޖެހޭ އިސްލާހު ބަލައިގެންފި

ދައުލަތުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ -- ފޮޓޯ: ސޯޝަލް މީޑިއާ

ކޮންމެ އަހަރެއްގެ މަސައްކަތްތެރިންގެ ދުވަސް، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ. 

ސަރުކާރުގެ ފަރާތުން، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ ބިލުގައި، ކޮންމެ އަހަރެއްގެ މެއި 1 ގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި، ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދީ ދުވަހާއި، ރާއްޖެ އިސްލާވި ދުވަހާއި، މިނިވަން ދުވަހާއި، މުލަ ރޯދަ އާއި، ފިތުރު އަދި އަލްހާ އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަސް އަދި ހައްޖު ދުވަހެވެ.

ނަމަވެސް، ޝަމީޒް ހުށަހެޅުއްވި އިސްލާހުގައި، ރަސްމީ ބަންދު ދުވަސްތަކުގެ ލިސްޓަށް މަސައްކަތްތެރިންގެ ދުވަސް ހިމަނަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ޝަމީޒް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، އަންހެން މުވައްޒަފުން ވިހެއުމުގެ ޗުއްޓީއަށްފަހު އޮފީހަށް ނުކުތުމަށްފަހުގައި، އޮފީސް ގަޑީގައި ދަރިފުޅު ކައިރިއަށް ކޮންމެ ދުވަހަކު ދެ ފަހަރު 30 މިނެއްޓަށް ދެވޭ މުއްދަތު، ދަރިފުޅަށް އެއް އަހަރު ވަންދެން އޮތް އޮތުން، ދެ އަހަރަށް އިތުރުކުރުން ވެސް ހިމެނެ އެވެ.

މީގެއިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ އުވާލާނެ އުސޫލުތައް ވެސް ޝަމީޒް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

އެ އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ އިސްލާހު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.