އިގްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

މިއީ، އިގްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އާ ކުރުމަށް ނެރޭ އާ ބެޗެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފި އެވެ. 

މިއީ، އިގްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އާ ކުރުމަށް ނެރޭ އާ ބެޗެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.  

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ފެބުރުއަރީ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުއަރީ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ. 

މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމް.އެމް.އޭ އިން ބުންޏެވެ.

އެމް.އެމް.އޭ އިން މައުލޫމާތު ދޭ ގޮތުގައި އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރި އެވެ.

މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފަ އެވެ. މީގެ ތެރެއިން 20 ރުފިޔާގެ މި އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވެ އެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އެވެ. 

އަދި 7 ޖުލައި 2024 ގެ ތާރީހުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އާ ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ.

އެމް.އެމް.އޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.