އަދި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

ސިނަމާލެ އަދި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ކަންބޮޑުވުންތަކާއެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް އިނާޔަތެއް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އިއްޔެ ވަނީ މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓްތަކަށް ކަމަށްވާ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ތަނުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އަދި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
އެގޮތުން، މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެ އެވެ.
ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު ލައްކައަކަށްވުރެވުރެ ކުޑަނަމަ، އެ މިންވަރެއް މައާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ އެވެ.
ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށް ދެއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.