ގްރީސްގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 52 އަހަރުގެ ދާނާ އީޑަންހެ ހަށިގަނޑު ފެނިފައިވަނީ އޭނާގެ އާއިލާގެ މީހަކު އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ބެލިބެލުމުންނެވެ.

އިޒްރޭލުގެ މަޝްހޫރު ސްޕައި ތުރިލާ ސީރީޒް "ޓެހެރާން" ގެ ޕްރޮޑިއުސަރު، ގްރީސްގެ ވެރިރަށް އެތެންސްގެ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ގްރީސްގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 52 އަހަރުގެ ދާނާ އީޑަންހެ ހަށިގަނޑު ފެނިފައިވަނީ އޭނާގެ އާއިލާގެ މީހަކު އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ބެލިބެލުމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދުން ފެނުނު ހެކިތަކާއި ލިބިފައިވާ މައުލޫމާތުތަކަށް ބަލައި، ފުލުހުން މިހާރު މި މައްސަލަ ބަލަމުންދަނީ އަމިއްލަ އަށް މަރުވި މައްސަލައެއްގެ ގޮތުގަ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި އޭނާ މަރުވެފައި އޮތް ކޮޓަރިން ބައެއް ކަހަލަ ބޭސްގުޅަ ތަކެއް ފެނިފައިވެ އެވެ. އަދި ބައެއް ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ކަރުގައި ނޫފައިގަނެފައިވާ ނިޝާން ތަކެއް ވެސް ހުއްޓެވެ.
މި ހާދިސާއާ ގުޅިގެން އޭނާ މަސައްކަތްކުރާ ޕްރޮޑަކްޝަން ކުންފުނި ޑޯނާ އެންޑް ޝޫލާ ޕްރޮޑަކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އާއިލާއަށާއި އެކުވެރިންނަށް އަދި މަސައްކަތުގެ ބައިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އޭނާގެ މަރާ ގުޅިގެން ފެތުރެމުންދާ ޖިނާއީ ނުވަތަ ގައުމީ ފިކުރާ ގުޅުންހުރި އެއްވެސް ތުހުމަތަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ދާނާ އީޑަން ގްރީސްއަށް ގޮސްފައިވަނީ އެޕަލް ޓީވީ ޕްލަސް އިން ދައްކާ "ޓެހެރާން" ސީރީޒްގެ ހަތަރުވަނަ ސީޒަންގެ މަންޒަރުތައް ނެގުމަށެވެ. "ޓެހެރާން" އަކީ އިޒްރޭލުގެ މޮސާޑް އެޖެންޓެއްގެ ވާހަކަ ކިޔައިދޭ، ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސީރީޒް އެކެވެ. އީޑަން ވަނީ މި ސީރީޒްގެ މަސައްކަތަށް 2021 ވަނަ އަހަރު އިންޓަނޭޝަނަލް އެމީ އެވޯޑެއް ވެސް ކާމިޔާބުކޮށްފައެވެ.