ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ މި އަހަރު ރާއްޖޭގައި

އެންމެ ފަހުން ރާއްޖޭގައި މި ތާރީހީ ހަފްލާ ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ. 

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގަ އެވެ.

އެންމެ ފަހުން ރާއްޖޭގައި މި ތާރީހީ ހަފްލާ ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށްދޭ އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 33 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިންތަކާއި، ހޮޓެލް، ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓުން ހިމެނޭ ގޮތަށް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ.

މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.

ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއޭއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ހަފްލާ ބާއްވައި، އެ ސަރަހައްދުތަކުން އެންމެ ރަނގަޅު ޚިދުމަތްތެރިން ހޮވައެވެ. މިގޮތުން ބޭއްވޭ ސަރަޙައްދީަ ހަފުލާތަކަށްފަހު، އަހަރު ނިމޭއިރު ބާއްވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލް އެވެ. 

ފާއިތުވި އަހަރުތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދީ ހަފުލާތައް ބާއްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އާ އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތަކުން ނަމޫނާ ދައްކަމުންދާ ގައުމުތަކުގައެވެ. އިންޑިއަން އޯޝަން ގާލާ ސެރެމަނީ އަލުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުމަކީ، ލަގްޒަރީ، ދެމެހެއްޓެނިވި އަދި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ދަމަހައްޓަމުންދާ ކުރިއެރުމާއި އިސްނެގުން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ވަނީ މެދުނުކެނޑި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.