ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ ސައީދު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ. އޭނާ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައި ވަނީ އިއްޔެ އެވެ.

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފި އެވެ.
ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގައި ކޮޕަޕްޝަންގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ސައީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ ސެޕްޓެމްބަރު 28، 2025 ގައެވެ.
ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ ސައީދު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ. އޭނާ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައި ވަނީ އިއްޔެ އެވެ.
ސައީދު ގޭބަންދަށް ބަދަލުކުރިއިރު، ހިތުގެ މައްސަލައަކަށް ސިއްހީ ފަރުވާ ހޯދަމުންދާ ކަމަށް މީގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ސައީދުގެ މައްޗަށް ސާބިތުވި ދައުވާގައި ބުނެފައި ވަނީ ބްލޭޒަން އިންކް ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ.
މިގޮތަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވެސް ސައީދުގެ މައްޗަށް ވަނީ އިތުރު ހިޔާނާތުގެ ދައުވާއެއް ކޮށްފަ އެވެ. އެއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.