"ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ،" މެޓުން ބުންޏެވެ.

ނުރައްކާތެރި މިންވަރަށް މިއަދު މުޅި ރާއްޖެއަށް ވައިނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ މުޅި ރާއްޖެއަށް، ވަކި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދުންފުހުގެ އަސަރު ނުވަތަ ވައި ނުސާވެފައިވާ ކަމަށެވެ. އެގޮތުން މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ،" މެޓުން ބުންޏެވެ.
އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނެރެފައިވާ އިރުޝާދުތަކުގައި، ވައި ނުސާފުވާ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގެ ރައްކާތެރި މާސްކު އެޅުން ހިމެނެ އެވެ.
އަދި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ތުއްތު ކުދިން ވައި ނުސާފު ވަގުތުތަކުގައި ބޭރަށް ނުނެރުމަށް އެޗްޕީއޭގެ އިރުޝާދުގައިވެ އެވެ.
އަދި އެފަދަ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމެވެ.