ތިންވަނައަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ރައީސްގެ ދަރިކަލުންނަށް

ރައީސްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޮންޒް އެވޯޑު އުމެއިރާ ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ދޭ ސްޕޯޓްސް އެވޯޑުގައި، 2024 ވަނަ އަހަރުގެ ތިންވަނައަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ހާސިލުކޮށްފި އެވެ.

މިރޭ ބޭއްވި ސްޕޯޓްސް އެވޯޑުގައި، އުމެއިރު ނޮމިނޭޓުކުރުމުން ސޯޝަލް މީޑިޔާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ރައީސްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޮންޒް އެވޯޑު އުމެއިރާ ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ޓީޓީ ކުޅުންތެރިއެއްގެ ގޮތުގައި ޓީޓީ އެސޯސިއޭޝަނުން އުމެއިރު ނޮމިނޭޓުކުރުމުން، އެ އެސޯސިއޭޝަނަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ކެޓަގަރީން ދެވަނަ ހޯދީ، ޓީޓީ ކުޅުންތެރިޔާ ޒީކް ހަސަން ލަތީފެވެ. އަދި އެ ކެޓަގަރީން އެއްވަނަ އަދި ގޯލްޑް އެވޯޑު ކާމިޔާބުކޮށްފައިވަނީ، ޒުވާން ފެތުންތެރިޔާ މުހައްމަދު ރިހާން ޝަހީމެވެ. 

މި ޙަފުލާގައި ރައީސް ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުޙައްމަދު ނަދީމަށެވެ.

މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔަރ އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ އެވޯޑް ޙާޞިލުކުރެއްވި އެތުލީޓުންނަށްވެސް، އެމަނިކުފާނު ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ، އެންމެ ޝަރަފުވެރި އެވޯޑްތައް ޙާޞިލުކުރެއްވި ބޭފުޅުންނާއެކު ޚާއްޞަ، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކޮށްފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.