މާފުށި ނޮމިނޭޓްވީ ޕީއެސްއެމްގެ "ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް" ކެޓަގަރީއަށެވެ. މާފުށި ކައުންސިލުން ވަނީ ވީހާ ގިނަ ފަރާތްތަކަށް ވޯޓު ދޭން ފުރުސަތު ހުޅުވާލާފަ އެވެ.

ގައުމީ ޓީވީގެ ޗާލު ދިވެހިރާއްޖެ އެވޯޑުގެ "ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް" މި ކެޓެގަރީއަށް ކ. މާފުށި ނޮމިނޭޓް ވެއްޖެ އެވެ.
މާފުށި ކައުންސިލުން ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އިންތިޒާމުކޮށްފައިވާ "ޗާލު ދިވެހިރާއްޖެ އެވޯޑް" އަށް ވޯޓުލުމުގެ މަރުޙަލާ ރަސްމީކޮށް ފަށައިފައިވާތީ، މި ހާއްސަ އެވޯޑަށް ވޯޓުދެއްވުމަށް ޕީއެސްއެމް އެއަރ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވޯޓް ދޭން އެދިފަ އެވެ. އަދި ވޯޓު ދޭނެ ގޮތުގެ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. މާފުށި ކައުންސިލުން ބުނޯ ވޯޓުދެއްވުމަށް ބޭނުން ކުރެވޭ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓް ފޯމްމުންނެވެ.
އެ ކައުންސިލުން ވަނީ މި ކެޓެގަރީއަށް މާފުށީ ހޮއްވަވައިދެއްވުމަށްޓަކައި ރަށު ރޫޙެއްގައި ވީހަވެސް ގިނަ މީހުން ވޯޓު ދޭން އެދިފަ އެވެ.
ހާޓް އޮފް މޯލްޑިވްސްގެ ނަމުގައި ބްރޭންޑްކޮށްފައިވާ ކ. މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ބާނީ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މ ރަށުގައި ރަސްމީކޮށް ގެސްޓްހައުސް ވިޔަފާރި 2010 ވަނަ އަހަރު ތަޢާރަފްވި ފަހުން މ ރަށަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މި ވިޔަފާރި ކުރާ، އަދި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެވެ. މިހާރު މި ރަށުގައި 2000 އަށްވުރެގިނަ ކޮޓަރި އެބަހުއްޓެވެ.