އިފޮޕްކާ ކޮންވެންޝަނަށް ވަފުދުތައް ރާއްޖެއަށް

ކޮންވެންޝަން އޮންނާނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ މި މަހުގެ 14 އިން 19 އިގެ ނިޔަލަށެވެ. މި ކޮންވެންޝަންގައި 19 ގައުމުން 300 އަށްވުރެ ޑެލިގޭޝަން ބައިވެރިވާނެ އެވެ.

އިޕޮޕްކާ ކޮންވެންޝަންގައި ބައިވެރިވާން އައި ވަފުދެއްގެ ބައިވެރިން ވީއައިއޭގައި ފޮޓޯއަކަށް ހުއްޓިގެން -- އިފޮޕްކާ

ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ 45 ވަނަ ކޮންވެންޝަންގައި ބައިވާން ވަފުދުތައް ރާއްޖެ އަންނަން ފަށައިފި އެވެ.

ހާއްސަ އަރިމަތީ ޖަލްސާތަކާއި ބައްދަލުވުންތަކަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު "މައިސް ޓޫރިޒަމް" ގެ މި ބޮޑު ބައްދަލުވުމަށް ރާއްޖެ އަންނަ ޓީމުތަކަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ އެކަމަށް ހާއްސަ ބެނާތަކާއި ބޯޑުތައް ބަހައްޓައި ޑެސްކެއް ގާއިމް ކޮށްފަ އެވެ. މި ކޮންވެންޝަންގައި ދުނިޔޭގެ 19 ގައުމެއްގެ 300 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އޭގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާގެ އިންވެސްޓަރުންނާއި ދުނިޔޭގެ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިންގެ އިތުރުން މި ދާއިރާގެ އެކްސްޕާޓުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރީގެ ހަބް ކަމަށްވާ ސިންގަޕޫރުގެ ފަދަ ގައުމުތަކުގެ ވަފުދުތައް ވެސް ރާއްޖެ އައިސްފައި ވެއެވެ.

އިޕޮޕްކާގެ މި ކޮންވެންޝަން ވެގެންދާނީ ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން ވެސް ހުޅުވޭނެ ފަހި ދޮރަކަށެވެ. ކުރިން ޖޫން 29 އިން ޖުލައި ތިނަކަށް ރާއްޖޭގައި ބާއްވަން އިއުލާނުކުރި ކޮންވެންޝަން ރީ ޝެޑިއުލްކޮށް ބާއްވާނީ މިއަދުން ފެށިގެން 19 އިގެ ނިޔަލަށެވެ. މި އިވެންޓުގެ މުހިންމު ބައިތައް އޮންނާނީ ރާއްޖޭގައި ހުރި މިފަދަ މައިސް ޓޫރިޒަމްގެ އެންމެ ބޮޑެތި އިންވެންޓުތައް ބާއްވާ ކޮންވެންޝަން ސެންޓަރު ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު މި ބައްދަލުވުން ޗެއާ ކުރައްވާނީ އިފޮޕްކާގެ 45 ވަނަ ރައީސް އަދި މި ޖަމިއްޔާގެ ތާރީހުގައި ވެސް ޖެހިޖެހިގެން ރައީސްކަން ދެ ދައުރުގައި ކުރައްވާ ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރައީސް ރައީސް މުހައްމަދު އަލީ ޖަނާހް އެވެ.

އިފޮޕްކާ ނުވަތަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް ވުޖޫދުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ އާރާސްތު ކުރަމުން ދިޔަ ދުވަސްވަރު އެވެ. އަލުން ދުނިޔެ އިމާރާތް ކޮށް ގައުމުތަކުގެ އިކޮނޮމީ ކޮޅަށް ތެދުވަން މަސައްކަތް ކުރި ވަގުތުތުގައި އުފެދުނު މި ޖަމިއްޔާގެ ޕައިނިއަރުންގެ ގޮތުގައި އަށް ގައުމެއް ހިމެނެ އެވެ. ފިލިޕީންސްގައި މައި އޮފީސް ހުންނަ މި ޖަމިއްޔާގައި ދުނިޔޭގެ ބޮޑެތި އިގްތިސޯދުތައް ކަމަށްވާ އިންޑިއާ އަދި ޖަޕާންގެ އިތުރުން ޗައިނާ ފަދަ ބޮޑެތި ބާރުތައް ވެސް ހިމެނެ އެވެ. މި ޖަމިއްޔާގެ މިހާރުގެ ރައީސަކީ ދިވެހިރާއްޖޭގެ މުހައްމަދު އަލީ ޖަނާހެވެ. ޖަނާހަކީ ސިނާއީ މިފަދަ ބޮޑު ޖަމިއްޔާއެއްގެ ރައީސްގެ މަގާމު ފުރުއްވާ ފުރަތަމަ ދިވެއްސެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.