"މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށް ތުހުމަތުކުރެވޭ،" ފުލުހުން ބުންޏެވެ.

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު 36، އެވެ.
އޭނާ ހައްޔަރުކުރީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ ނަދީފް ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ވަނީ ފެނިފައިވާ ކަމަށެވެ.
"މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށް ތުހުމަތުކުރެވޭ،" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.
ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތައް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.