އެންމެ ދައުރުވާ 20ރ. ގެ ނޫޓަށް މިވީ ކިހިނެއް ؟

އެންމެ ގިނައިން ސާކިއުލޭޓްވާ އެއް ނޫޓުގެ ތެރޭގައި 20ރ، ހިމެނެ އެވެ. އަދި މިއީ ރީޓެއިލް ވިޔަފާރިވެރިން އެންމެ ގިނައިން އަތުން އަތަށް ބަދަލުކުރާ ނޫޓުތައް ހަލާކުވެ އެވެ. ރޯދަ މަހާއެކު ބާޒާރު ހަލަބޮލިވެ މި ނޫޓު ލިބުން ވަނީ މަދުވެފަ އެވެ.

ރޯދަ މަހާއެކު ރާއްޖޭގެ ބާޒާރުގައި އަބަދުވެސް ފައިސާގެ ދަތުރުވުން އިތުރުވެ އެވެ. އަބަދުވެސް ބާޒާރުގައި އެންމެ އާއްމު އަދަދަކީ 20.ގެ ނޫޓެވެ. ގިނަ ބައެއްގެ އަތްމަތީގައި 100ރ. އަށްފަހު އެންމެ އާއްމު އަދަދަކީ 20ރ، އެވެ، މިހާރު ޖެހިގެން އުޅޭ މައްސަލައަކީ 20ރ، ގެ ނޫޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމެވެ. ސާކިއުލޭޝަންގައި ދައުރުވާ 20ރ، ގެ ނޫޓު މަދުވުމެވެ. ހާއްސަކޮށް މި ރޯދަމަހަށް ކައިރިވަމުން އަންނައިރު މި މައްސަލަވަނީ އިތުރުވެފަ އެވެ. ބޮޑެތި ބައެއް ވިޔަފާރިތަކުން ވެސް ވަނީ މި މައްސަލަ ފާހަގަކޮށްފަ އެވެ. މިއީ ކިހިނެއް ވެގެން ކުރިމަތިވެގެން އުޅޭ މައްސަލަ އެއް ހެއްޔެވެ ؟ 

މި މައްސަލައިގެ މައިގަނޑު ސަބަބަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ދުވަހަކު ކުރާ ކުދިކުދި ވިޔަފާރިތަކުގައި އާންމުކޮށް ބޭނުންކުރާ 20 ރުފިޔާގެ ނޫޓަށް އޮތް ޑިމާންޑް އިތުރުވުމެވެ.

ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް 20 ރުފިޔާގެ ނޫޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމެވެ. އަދި މީގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ ނަގުދު ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ރީޓެއިލް ވިޔަފާރިވެރިން ފާހަގަކުރެ އެވެ. މި މައްސަލަ ބޮޑަށް ފާހަގަވާން ފަށާފައިވަނީ ފާއިތުވި ހަފުތާތަކުގަ އެވެ. މިއީ އާންމުގޮތެއްގައި ވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭބިސީތަކާއި ވިޔަފާރިތަކުން ނަގުދު ފައިސާ ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެކެވެ.

އެމްއެމްއޭގެ ފައިސާ ދަތުރުވުމުގެ ހިސާބުތަކުން މިކަން ފެނެ އެވެ. މިދިޔަ 2022 އިން 2025 ގެ ނިޔަލަށް ބެލިނަމަވެސް މި އަދަދު އިތުރުވަމުންދާތަން ފެނެ އެވެ. މައިގަނޑު ސަބަބަކީ އޭޓީއެމްތަކެއް އިތުރުވުމާއެކު މުޅިރާއްޖޭގެ ސާކިއުލޭޝަންގައި 20ރ، އިތުރުވުމެވެ.

20ރ. ގެ ނޫޓު ހަތަރު އަހަރު އިތުރުވުން

  •  2022 - 2.3 މިލިއަން ނޫޓް
  •  2023 - 2.5 މިލިއަން ނޫޓް
  •  2024 - 2.7 މިލިއަން ނޫޓް
  •  2025 3 މިލިއަނުން މަތީގައި

އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިހާރު އިގްތިސާދުގައި ދައުރުވަމުންދާ ފައިސާގެ ޖުމްލަ އަގަކީ 4.14 ބިލިއަން ރުފިޔާ އެވެ. ވަކިވަކި ނޫޓުތަކަށް އޮންނަ ޑިމާންޑް ބިނާވަނީ އާންމުން ފައިސާ ބޭނުންކުރާ ގޮތަށާއި މާލީ އިދާރާތަކުން ފައިސާ ބަހާ ގޮތުގެ މައްޗަށެވެ. 20 ރުފިޔާ، 10 ރުފިޔާ އަދި 5 ރުފިޔާ ފަދަ ކުދި ނޫޓުތަކަކީ ބޮޑެތި ނޫޓުތަކަށްވުރެ އަވަހަށް އަތުން އަތަށް ބަދަލުވާ އެއްޗެހި ކަމަށްވާތީ، އެ ނޫޓުތައް ބާވެ ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.

ފައިސާ ދައުރުވާ ގޮތް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ދަތިކަން ދިމާވުމުގެ އެއް ސަބަބަކީ އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވުމެވެ. މުއާމަލާތްތައް ގިނަވުމުގެ ސަބަބުން ކުދި ނޫޓުތަކަށް އޮތް ޑިމާންޑް ބޮޑުވެ، ބާޒާރުގައި އެ ތަކެތި ލިބުން މަދުވަނީއެވެ. މީގެ އިތުރުން، އޭޓީއެމްތަކުން ފައިސާ ދޫކުރާ ގޮތަށް ބޭންކުތަކުން ގެންނަ ބަދަލުތަކުގެ ސަބަބުންވެސް ވަކިވަކި ނޫޓުތަކަށް އޮތް ބޭނުންތެރިކަމަށް ބަދަލު އާދެއެވެ.

އެމްއެމްއޭ އިން ފައިސާ ދޫކުރަނީ ބޭންކުތަކާއި އާންމުންގެ ބޭނުންތަކަށް ރިއާޔަތްކުރުމަށްފަހުއެވެ. އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ފައިސާ ނެރެނީ އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށާއި ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 100 ރުފިޔާގެ ނޫޓަށްފަހު ރާއްޖޭގައި އެންމެ ގިނައިން އަލުން ޗާޕުކުރަންޖެހެނީ 50 ރުފިޔާ، 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓެވެ. މިއީ ރާއްޖޭގެ އިގްތިސާދުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަތިކަން ހާމަކޮށްދޭ ކަމެކެވެ. ކުދި ނޫޓުތައް ގިނަގިނައިން ބޭނުންކުރުމުގެ ސަބަބުން އެ ތަކެތީގެ އުމުރު ކުރުވެ އެވެ. ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ގޮތްތައް ފުޅާވަމުން އައި ނަމަވެސް، ގިނަ ރީޓެއިލް ވިޔަފާރިތަކުގައި އަދިވެސް އެންމެ އިސްކަން ދެނީ ނަގުދު ފައިސާ އަށެވެ. ހާއްސަކޮށް ވިޔަފާރިތައް ގިނަވާ ދުވަސްވަރު މިކަން ބޮޑަށް ފާހަގަކުރެވެ އެވެ. މިއީ 20ރ ގެ ނޫޓުގެ ޑިމާންޑަށް އައިސްފައިވާ އެންމެ ބޮޑު ބަދަލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.