މި އުޅަނދުން 2600 ޓޫރިސްޓުން މިއަދު މާލެއަށް ފައިބާނެ އެވެ. މި އުޅަނދު ދުއްވާ ކިއުނާޑް ލައިން ކުންފުނިން ވަނީ މީގެ 51 އަހަރު ކުރިން ރާއްޖެއަށް ފުރަތަމަ ކްރޫޒްލައިނާއެއް ގެނެސްފަ އެވެ. އެއީ "ފްރާންކޯނިއާ" އެވެ.

ރާއްޖޭގެ ތާރީހުގައި އައި ފުރަތަމަ ކްރޫޒްލައިން ގެނައި ޔޫކޭގެ ކިއުނާޑް ލައިން ކުންފުނީގެ ކާނިވަލް ޝިޕް ކުއީން "އޭން" ރާއްޖެއަށް ބަނދަރުކޮށްފި އެވެ.
މިއަދު ހެނދުނުގެ ވަގުރުތެއްގައި މާލެ ބަނދަރަށް އައިސްފައިވާ ކާނިވަލް ޝިޕް ކުއިން އޭން ރާއްޖެ ގެނެސްފައިވަނީ ސުޕަ ޔޮޓްތަކާއި ކްރޫޒްލައިނާތައް ރާއްޖެ ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ. މި އުޅަނދުން 2600 ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. މިއީ މި އުޅަނދު ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
ކާނިވަލް ޝިޕް ކުއީން އޭން - މި އުޅަނދު ނިސްބަތްވަނީ ޔޫކޭގައި ރަނިކަން ކުރެއްވި ކުއިން އޭން އަށެވެ. އެއީ ދުނިޔެއަށް ގްރޭޓް ބްރިޓަންގެ ގޮތުގައި ވަރުގަދަ ވެރިކަމެއް އުފެއްދި ރާނީ އެވެ. ކުއީން "އޭން" އަކީ ގާތްގަނޑަކަށް 3,000 ފަސިންޖަރުންނަށް ދަތުރުކުރެވޭއިރު، 1,225 ކްރޫއިން ހިދުމަތުގައި ތިބެއެވެ. މި ބޯޓުގެ ބަރުދަނުގައި 113,000 ޓަނު ހުރެ އެވެ. މި އުޅަނދު ގިނައިން ދަތުރު ކުރަނީ ޔޫކޭ މީހުންނެވެ. މި އުޅަނދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކާތަކެތި ލިބޭނެ 15 އަށްވުރެ ގިނަ ރެސްޓޯރަންޓް ހުރެއެވެ. ހާއްސަ ތިއޭޓަރެއް ހުރެ އެވެ. މި ތިއޭޓަރުގައި ފެންވަރު ރަނގަޅު ޝޯތަކާއި، މިއުޒިކް އަދި ޑްރާމާތައް ކުރިއަށްދެ އެވެ. މީގެ އިތުރުން ސްޓީމް ރޫމްތަކާއި ސައުނާ އަދި ހައިޑްރޯތެރަޕީ ޕޫލްގެ އިތުރުން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުން މި އުޅަނދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެ އެވެ.
މާލެއަށް މިހާރު ބަނދަރުކޮށްފައިވާ ކާނިވަލް ޝިޕް ކުއީން "އޭން" ދުއްވާ ކިއުނާޑް ލައިން ކުންފުނިން ވަނީ މީގެ 51 އަހަރު ކުރިން ރާއްޖެއަށް ކްރޫޒްލައިނާއެއް ގެނެސްފަ އެވެ. އެއީ "ފްރާންކޯނިއާ" އެވެ. މި އުޅަނދު މާލެއަށް ބަނދަރުކޮށްފައިވަނީ 12، އެޕްރީލް 1974 ދުވަހު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި އައި ފުރަތަމަ ކްރޫޒްޝިޕެވެ. މި އުޅަނދުން އެ ދުވަހު މާލެއަށް 500 ޓޫރިސްޓުން ފޭބި އެވެ. އެ ބޯޓުން އައިސް ޓޫރިސްޓުން މާލެއަށް ބޭލީ ބޯޓުގައި ހުންނަ ކުދި ލޯންޗުތަކާއި ރާއްޖޭގެ ބައެއް ކުދި ދޯނިފަހަރުގަ އެވެ.