ގިރާވަރުފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކަން ޖެހެ އެވެ. މި ފަޅުގެ 50 ނުވަތަ 54 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިންމާފަ އެވެ. އަލުން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ހޮލެންޑުގެ ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންނިންނެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ގިރާވަރުފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކަން ޖެހެ އެވެ. މި ފަޅުގެ 50 ނުވަތަ 54 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިންމާފަ އެވެ. އަލުން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ހޮލެންޑުގެ ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންނިންނެވެ.
ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެކްސްގައި އާންމު ކުރައްވާފަ އެވެ. އެ ފޮޓޯތަކާއެކު އެމަނިކުފާނު ވިދާޅުވެފައި ވަނީ "ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށް." މިހެންނެވެ.
ގިރާވަރު ފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ތަނެކެވެ. ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމު" ގެ ދަށުން ގިރާވަރުފަޅުން ޖުމްލަ 5,433 ގޯތިދޭން ކުރިން ނިންމި އެވެ. ނަމަވެސް މިތަނުގެ ބައެއް ގޯތިތައް ވަނީ ގުޅީފަޅަށް ބަދަލުކޮށްފަ އެވެ.
މިހާރު ދޫކުރަނީ ޖުމްލަ 4،072 ގޯއްޗެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާފަ އެވެ.
މި ސަރުކާރުން ވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލާއެކު އެ ސިޓީއަކީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.