ބައިގަރުނު ކުރިން މި ކުންފުނި އައި | މިއަދުގެ ފެންނަ ހާލަތު މާގޯސް

މީގެ 51 އަހަރު ކުރިން ޔޫކޭގެ ކިއުނާޑް ލައިން ކުންފުނީގެ "ފްރާންކޯނިއާ" ބަނދަރު ކުރި އެވެ. މާދަމާ އެ ބަނދަރު ކުރަނީ ހަމަ އެ ކުންފުނީގެ ކާނިވަލް ޝިޕް ކުއިން "އޭން" އެވެ. ފެންނަނީ ހިދުމަތުގެ ފެންވަރު ދަށްކަމާއި މިކަން ކުރަން ނޫޅޭތަނެވެ.

ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި 12، އެޕްރީލް 1974 ވަނަ ދުވަސް ހާއްސަ އެވެ. އެ ދުވަހުގެ އިރުއެރުމާއެކު މާލެ ގާދޫކޮލުން ވަދެގެން އައިސް ބަރުގޮނުގެ އަޑުން މުޅިމާލެ ހޭލައްވާލީ އިނގިރޭސިވިލާތުގެ އެމްއެސް ފްރާންކޯނިއާ އެވެ. ތާރީހުތަކުން އެނގޭ ގޮތުންނަމަ އެއީ ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްޝިޕެވެ. ނުވަތަ ކްރޫޒްލައިނާ އެވެ. ނުވަތަ ޓޫރިސްޓުން ގޮވައިގެން އައި ބޮޑު އުޅަނދެވެ. ޔޫކޭގެ ކިއުނާޑް ލައިން ކުންފުނީގެ މި އުޅަނދުން އެ ދުވަހު މާލެއަށް 500 ޓޫރިސްޓުން ފޭބި އެވެ. އެ ބޯޓުން އައިސް ޓޫރިސްޓުން މާލެއަށް ބޭލީ ބޯޓުގައި ހުންނަ ކުދި ލޯންޗުތަކާއި ރާއްޖޭގެ ބައެއް ކުދި ދޯނިފަހަރުގަ އެވެ. އޭރު މާލޭގެ މަގުތަކަކީ ކަނޑުވެލި މަގުތަކެކެވެ. އެތައް ސަތޭކަ ފަތުރުވެރިން އެއްފަހަރާ މާލެއަށް އެ ދުވަހު ފޭބުމަކީ އޭރު މާލޭގެ ރައްޔިތުންނަށް ފެނުނު ވަރަށް އައު އަދި ހައިރާންކުރުވަނިވި މަންޒަރަކަށްވި އެވެ. "ފްރާންކޯނިއާ" ގެ ދަތުރަކީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ދަތުރެކެވެ. މި ބޯޓުގެ ސަބަބުން މާލޭގެ ފިހާރަތަކަށާއި އޭރު ފެށިގެން އައި ކުދި ރިސޯޓުތަކަށް ވެސް ބޮޑު އާމްދަނީއެއް ލިބުނެވެ. މި ދަތުރުގެ ސަބަބުން ރާއްޖެއަކީ ކްރޫޒް ޝިޕްތަކަށް އާދެވޭނެ މަންޒިލެއްކަން ދުނިޔެ އަށް އެނގުނެވެ. މިއީ އެ ދުވަހަށް ބަރާބަރު 51 އަހަރުވީ ދުވަހެވެ. 

މިއީ ތާރީހަށްވިޔަސް ނޫނީ އިއްތިފާގަކަށްވިޔަސް މާދަމާ މާލެއަށް ބަނދަރު ކުރާ ކާނިވަލް ޝިޕް ކުއިން "އޭން" އަކީ މި ކުންފުނީގެ އެއް އުޅަނދެކެވެ. މިއީ ވެސް ކިއުނާޑް ލައިންގެ ކްރޫޒްލައިނާ އެކެވެ. ނަމަވެސް ކްރޫޒްލައިން ވިޔަފާރިއަށް ބައި ގަރުނު ވެގެންދާއިރު މި ވިޔަފާރި އޮތީ އެންމެ ފުރަތަމަ ދުވަހު ބޯޓު އައި ދުވަހު އޮތް ހާލަތުގަ އެވެ. ހަގީގަތަކީ މި އުޅަނދު ތަކުން ރާއްޖެއަށް ފައިބާ މީހުންނަށް ލިބޭ ހިދުމަތްތަކާއި މީހުން އަންނަ ވަގުތު ދުރުން ބަލަން ހުންނަ މީހާއަށް އިހުސާސް ވާނީ މި ރާއްޖޭން މިއީ ޓޫރިސްޓުން ކަމަށް ނުބަލާކަމެވެ. 

މި ސުވާލު އުފަށްދަން ޖެހޭ ސަބަބުތައް ގިނަ އެވެ. ކިއުނާޑް ލައިން ކުންފުނިން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ބަނދަރުކުރި "ފްރާންކޯނިއާ" އައި ދުވަހު ވެސް ފެނުނީ ހަމަ މިއަދު ފެންނަ މަންޒަރެވެ. ޖެނެރޭޝަންތައް ބަދަލުވެ ޖެންޒީ ޖީލުގއި ދުނިޔެ އޮތް ނަމަވެސް ރާއްޖޭން އަދިވެސް ލިބެނީ އެ ދުވަހު ދިން ހިދުމަތެވެ. ބޯޓުން ފޭބި ޓޫރިސްޓުން މީގެ 51 އަހަރު ކުރިން މާލެއަށް ފޭބީ އޭރުގެ "ނާޒިލް ފާލަން" މިހާރުގެ ރަސްމީ ފާލަން ނުވަތަ ނަންބަރު އެއް ހުރި ސަރަހައްދުންނެވެ. ދޮންވެލި ލާފައިވާ މި ފާލަން ސަރަހައްދުގައި ދިވެހިން ހިނިތުންވުމާއެކު މަރުހަބާކި އެވެ. މާލޭގައި އޭރު ޓްރެފިކެއް ނެތެވެ. އުޅަނދުތައް މަދެވެ. އެ ދުވަހު ޓޫރިސްޓުން ފައިބައިގެން އައިއިރު "ވެލްކަމް މޯލްޑިވްސް" ޖަހާފައިވާ ބޮޑެތި ބޯޑު ތަކެއް ފެންނަން ހުއްޓެވެ. މިއަދުވެސް ހަމަ ފައިބަން ޖެހެނީ އެ ތަނުންނެވެ. ނަމަވެސް "ވެލްކަމް" ބޯޓެއް ނެތެވެ. މަރުހަބާ ކިއުމެއް ނެތެވެ. މި އަދާއި އެ ދުވަހާ ތަފާތަކީ އެ ދުވަހު މަރުހަބާކީ ދިވެހިންނެވެ. 

މިއަދު މަރުހަބާ ކިއުމާއި މިނޫން ވެސް ކަންކަމުގައި ގިނައިން އެ ތިބީރޭ އަވަށްޓެރި ގައުމަކުން ރާއްޖެ އަށް އައި ބިދޭސީންނެވެ. އެ ދުވަހު މާލެއަށް ފައިބަން ފަސޭހަ އެވެ. އެކަމަކު މި އަދު ކްރޫޝިޕުން ފައިބާ ޓޫރިސްޓުން އުފުލަން ޖެހޭ ތަކުލީފު ބޮޑެވެ. އެ ދުވަހު ފޭބުމުން މަރުހަބާ ކިޔަން ހަރަކާތް ތަކެއް ހިންގި އެވެ. ނަމަވެސް މިހާރު މާލެއަށް ފައިބާ ޓޫރިސްޓުންނަށް އެންމެ ކުޑަމިނުން ދެވަނަ ފަހަރު އަންނަން ޖެހޭނެއެއްވެސް ސަބަބެއް ނުދެއްކެ އެވެ. މީގެ ބަދަލުގައި ހުރީ ހުސް ދަތިތަކެވެ. ދެވަނަ ފަހަރު މި ތަަނަށް ވައިވެސް އެޅެން ހެޔޮނުވާ ވަރުގެ ކަންކަމެވެ. ޓޫރިސްޓުން ފައިބަން ކައިރިކުރާ ރަސްމީ ފާލަމަށް ކައިރި ކުރާތީ އެމްޓީސީސީ 24000ރ. ނަގަ އެވެ. އިމިގްރޭޝަނަށް ވެސް ފީއެއް ދައްކަ އެވެ. އަދި ބޯޓު އޮންނާތީ ވެސް ފީ ދޭން ޖެެހެ އެވެ. ނަމަވެސް އެންމެ ކުޑަމިނުން ފާހާނާ ގަނޑެއްވެސް ނެތެވެ. ނަމަވެސް މި ވިޔަފާރީގައި ރާއްޖެއާ ވާދަކުރަން ތިބި ލަންކާ އާއި އިންޑިއާ އިން ދަނީ މިކަމުން ބޮޑު ލާރި ނަގަމުންނެވެ.

ފެންނަނީ ކްރޫޒްލައިން ވިޔަފާރި ދިވެހިންނަށް ގެއްލޭތަން

ކޮލަމްބޯއަށް ފޭބި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ

އަވަށްޓެރި ގައުމުތަކުން ކްރޫޒްލައިން އިތުރު ކުރަން ފިސާރި ފޯރި އެބަހުއްޓެވެ. މީގެ އެއް ބަޔަކީ އަވަށްޓެރި ކޮލަމްބޯ މީހުންނާއި އިންޑިއާގެ ގޯއާ އާއި ކޮޗިންގެ ރައްޔިތުންނެވެ. އިންޑިއާގެ ޕޯޓް ކޮޗީ ފަދަ ތަންތަނަކީ ކްރޫޒްލައިނާއެއް ބަނދަރު ކުރާ ދުވަހު ބޮޑު އީދު އަންނަ ތަންނަތެވެ. ފޯޓްކޮޗީއަކީ އިނގިރޭސިން ފައިބާ ތިބި އެމީހުން ތާރީހީ ނިޝާންތައް ފެންނަން ހުރި ތަނެނެވެ. އެހެންވެ އެތަނަށް އަންނަ ޓޫރިސްޓުންނަށް މި ތަނުގެ ފުރިހަމަ ތާރީހު ކިޔައިދެ އެވެ. މިގޮތަށް ލަންކާ ވެސް މަސައްކަތް ކުރެ އެވެ. ނަތީޖާއަކީ މިދިޔަ 10 ވަރަކަށް އަހަރަށް ބަލާނަމަ ކޮލަމްބޯ އަށް ކްރޫޒްލައިނާ ތަކުން ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 300،000 އަށްވުރެ އިތުރެވެ. އަދި އިންޑިއާގެ ގޯއާ އަދި ކޮޗިން އަށް އެކަނި ބެލިނަމަވެސް ކްރޫޒްލައިނާ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 450,000 އަށް އަރަ އެވެ.  ނަމަވެސް ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތަކީ ރާއްޖެ އަށް ކްރޫޒްލައިނާ ތަކުން އަންނަ ޓޫރިސްޓުން އިތުރު ކުރެވެން ފުރުސަތު އޮތްނަމަވެސް އެ އަދަދު ދަށްވަމުންދާކަމެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ކްރޫޒްލައިނާ ޓޫރިސްޓުންގެ އަދަދުތަކަށް ބަލާއިރު ރާއްޖެއަށް އައިސްފައިވާ ކްރޫޒްލައިން ޓޫރިސްޓުން އަދަދު 250,000 ވުރެ މައްޗެއް ނުވެ އެވެ. އަދި 10 އަހަރުގެ އަދަދުތައް ވަކިވަކިން ހިސާބު ޖަހާލުމުން އެނގެނީ މި ވިޔަފާރި ދިވެހިންގެ އަތްމަތިން ފިރުކައިގެން ދިއުމުގެ ބިރު އޮތް ކަމެވެ.

އަށް އަހަރު ތެރޭރާއްޖެ އައި ކްރޫޒްލައިން ޓޫރިސްޓުން

  •  2017 - 35 ކްރޫޒްލައިން | ޓޫރިސްޓުން 32,000
  •  2018 - 42 ކްރޫޒްލައިން | ޓޫރިސްޓުން 38,000
  •  2019 - 50 ކްރޫޒްލައިން | ޓޫރިސްޓުން 45,000
  •  2020 - 14 ކްރޫޒްލައިން | ޓޫރިސްޓުން 12,000
  •  2021 - އެއްވެސް ކްރޫޒްލައިނެއް ނާދެ
  •  2022 - 7 ކްރޫޒްލައިން | ޓޫރިޒަމް 4,000
  •  2023 - 25 ކްރޫޒްލައިން | ޓޫރިސްޓުން 22,000
  •  2024 - 20 ކްރޫޒްލައިން | ޓޫރިސްޓުން 30,000

ރާއްޖެއަށް ކްރޫޒްލައިނާއެއް އަންނަން ޖެހޭ ސަބަބެއް މިހާރަކުނެތެވެ. އޮތީ ހުސް ގޮންޖެހުމެވެ. ފައިބާ މީހުނަށް އޮތީ ހުސް ދުއްތުރާލެވެ. ރާއްޖޭގައި ބޮޑެތި ކްރޫޒްލައިނާތައް ކައިރިކުރާނެ ފުން ބަނދަރެއް ނެތުމަކީ މ ވިޔަފާރި ކުރިއަރުވަން އޮތް އެންމެ ބޮޑު ހުރަހެވެ. މިހާރު ކްރޫޒްލައިނާތައް މަޑުކުރަން ޖެހެނީ މާލެ ކައިރީ ބޭރުގަ އެވެ. ޓޫރިސްޓުން މާލެ އަށް ނުވަތަ އެހެން ރަށަކަށް އަރަން ޖެހެނީ ކުދި ލޯންޗު ނުވަތަ "ޓެންޑާ" ބޯޓުފަހަރުގަ އެވެ. މިއީ ގިނަ ވަގުތު ހޭދަވާ އަދި ބޮޑެތި ބޯޓު ފަހަރަށް އުނދަގޫ ކަމެކެވެ. މީގެ އިތުރުން ކްރޫޒްލައިނާ ތަކުން ރާއްޖެއަށް ނަގާ ފީތައް ބޮޑުވުމުގެ ޝަކުވާ ބައެއް އޮޕަރޭޓަރުން ކުރެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި ހުރި ގަވާއިދުތަކާއި "ޕައިލެޓޭޖް" ފަދަ ހިދުމަތްތަކުގެ އަގުތަކަކީ ބައެއް ކުންފުނިތަކުން ފަސް ޖެހޭ ސަބަބުތަކެވެ. މީގެ އިތުރުން އެންމެ ބޮޑު ހަގީގަތަކީ މިކަމާ ދިވެހި ސަރުކާރުތަކުން ނޫޅެމެވެ. އެންމެ ކުޑަމިނުން ޓޫރިސްޓުން ފައިދާ ގަޑީގައި ސަގާފީ ކުޅިވަރުތަކެއް ބާއްވައި ދިވެހި އުފެއްދުންތައް ވިއްކާނެ މޭޒުތަކެއް ބެހެއްޓިޔަސް ޔަގީނުންވެސް ދިވެހިންނަށް މި އުޅަނދުތަކުން ލިބޭ އާމްދަނީ އިތުރުވާނެ އެވެ. މީގެ 51 އަހަރު ކުރިން "ފްރާންކޯނިއާ" އައި ދުވަހު ދިވެހިން ކުރީ މިކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.