މި ހާދިސާގައި ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން 241 މީހުން މަރުވިއިރު، ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 19 މީހަކު ވެސް ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ އަހުމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓް ވެއްޓުނީ މެކޭނިކަލް މައްސަލައަކުން ނޫން ކަމަށާއި، އެއީ ބޯޓުގެ ޕައިލެޓަކު ގަސްތުގައި ކުރި ކަމެއް ކަމަށް ތަހުގީގީ ރިޕޯޓުތަކުން ދައްކައިފި އެވެ.
އިޓަލީގެ ނޫހަކުން އިންޑިއާގެ އިންވެސްޓިގޭޓަރުން ވަނީ ތަހުގީގީ ރިޕޯޓް ހިއްސާކޮށްފަ އެވެ. މިހާރު ވަނީ މި ހާދިސާގެ ފައިނަލް ރިޕޯޓު އެކުލަވާލުމުގެ ފަހު މަރުހަލާގަ އެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން 241 މީހުން މަރުވިއިރު، ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 19 މީހަކު ވެސް ވަނީ މަރުވެފައެވެ. ޖުމްލަ 260 މީހުން މި ހާދިސާގައި ފުރާނަ ގެއްލުނެވެ.
މި ރިޕޯޓުގައިވާ ގޮތުން ބޯޓުގެ ބްލެކް ބޮކްސް ޑޭޓާއިން ދައްކާގޮތުގައި، ބޯޓު އުދުހެމުން ދަނިކޮށް އޭގެ ދެ އިންޖީނަށް ތެޔޮ ފޮނުވައިދޭ "ފިއުލް ކަޓް-އޮފް" ސްވިޗްތައް ވަނީ މެނުއަލްކޮށް ނިއްވާލާފަ އެވެ. އަދި ބޯޓު ވެއްޓުމުގެ ކުރިން އެއް ޕައިލެޓަކު "ކީއްވެ ތެޔޮ ކަނޑާލީ؟" އޭ ބުނާ އަޑު ރެކޯޑިންގް އިން އިވެ އެވެ. އަނެއް ޕައިލެޓް ވަނީ އެކަން ކުރީ އޭނާ ނޫން ކަމަށް ބުނެފަ އެވެ. ތަހުގީގުގައި މައިގަނޑު ގޮތެއްގައި ތުހުމަތު ކުރެވެނީ ކެޕްޓަން ސުމީތު ސަބަރްވާލް އަށެވެ. އޭނާއަކީ ޑިޕްރެޝަން ނުވަތަ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު، އޭނާގެ އާއިލާ އިން އެކަން ދޮގުކޮށްފައިވެ އެވެ.