ޓައިމް މަޖައްލާގެ ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ރައީސް މުއިއްޒު

އެ މަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، އާންމު ސިއްހަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރެއްވުމަށް، ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން މަޖީދިއްޔާ ސްކޫލްގައި ވާހަކަ ދައްކަވަނީ --

ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައިފި އެވެ. 

އެ މަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، އާންމު ސިއްހަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރެއްވުމަށް، ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

އެގޮތުން، އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ މި ސަރުކާރުގެ ސިއްހަތާބެހޭ ސިޔާސަތުތަކާއި، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފަ އެވެ. 

މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެ އެވެ.

މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި ރައީސް  ވަނީ، މީގެ ކުރިން ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށްކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިއްހީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނެއްވެސް ވަނީ ތައާރަފުކޮށްފަ އެވެ. އަދި، މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ގައުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފަ އެވެ.

މި ހުރިހާ ފިޔަވަޅުތަކެއް އެކުއެކީގައި ކުރެއްވުމުގެ މަގްސަދަކީ، ރާއްޖޭހެ ސިއްހީ ދާއިރާއަށާއި، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، މާނަހުރި، މިންކުރެވޭފަދަ، އަދި ވިލުންތެރި ކުރިއެރުންތަކެއް ހޯދުންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައިވަނީ، ސިއްހީ  ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ސިއްހީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކެވެ. 

ދުންފަތާ ދެކޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް، 2025 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވޯލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، އެ މަނިކުފާނަށް ހާއްސަ އެވޯޑެއްވެސް ދެއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.