އީޔޫއަށް ދަތުރުކުރުމަށް ބޭނުންވާ ޝެންގެން ވިސާ ނަގަންނުޖެހޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު ފުރަތަމަ 'ޕާޓްނަޝިޕް ޑައިލޮގް' ބާއްވައި، ދިވެހި މަސް އެކްސްޕޯޓުކުރުމާއި ދިވެހިންނަށް ޝެންގެން ވިސާއަށް ލުއި ހޯދުން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކުން މަޝްވަރާކޮށްފި އެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ޕާޓްނަޝިޕް ޑައިލޮގް' އަކީ، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސީނިއާ އޮފިޝަލުންގެ ބައްދަލުވުންތަކުގެ މައްޗަށް ބިނާކޮށް، ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭއްވި މަޝްވަރާތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި މަތީ ފަންތީގެ ބައްދަލުވުމުގެ ސަބަބުން، މިނިސްޓްރީން ބުނި ގޮތުގައި ދެ ފަރާތުންވެސް އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
މީގެތެރޭގައި ޑިމޮކްރެޓިކް ގަވަނަންސް، އިންސާނީ ހައްގުތައް، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް، ކަނޑުގެ ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން، އިގުތިސާދީ އަދި ވިޔަފާރީގެ މަޝްވަރާތަކުގައި، ދެ ފަރާތުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި، އީޔޫގެ ބާޒާރުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
އަދި މީގެ އިތުރުން، ޓެރިފްގެ ހުރަސްތަކާ ބެހޭގޮތުންނާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި މިހާރު ކުރިއަށްދާ އިސްލާހީ މަސައްކަތްތަކާ ބެހޭގޮތުން ދެ ފަރާތުގެ ޚިޔާލު ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އީޔޫއަށް ދަތުރުކުރުމަށް ބޭނުންވާ ޝެންގެން ވިސާ ނަގަންނުޖެހޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.