ފައިނޭންސިން ލިމިޓަކީ 100,000 ރުފިޔާ އިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށެވެ. ދޫކުރަނީ އާ ގެސްޓްހައުސް އެޅުމަށް، ހުރި ތަންތަން މަރާމާތުކުރުމަށް ނުވަތަ އިތުރު ކޮޓަރި އިތުރުކުރުމަށެވެ.

އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިން އިން 10 މިލިއަން ރުފިޔާއާ ހަމައަށް ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިން ތައާރަފްކޮށްފި އެެވެ.
އެސްއެމްއީ ޑިޖިޓަލްއިން ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން "ގެސްޓްހައުސް ފައިނޭންސިން" އަދި "ގެސްޓްރޫމް ފައިނޭންސިން" ގެ ނަމުގައި ދެ ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފިއެވެ.
މި ފައިނޭންސިންގެ މަގުސަދަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައިދިނުމެވެ. މިއީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްގީކުރުމަށާއި އަދި ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ ފެސިލިޓީތަކެކެވެ.
ގެސްޓްހައުސް ފައިނޭންސިން އަކީ މަދުވެގެން ހަ ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްގީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެކެވެ.
މި ފެސިލިޓީގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިން ލިމިޓް 10 ރުފިޔާއަށް އިތުރުކޮށް ފައިނޭންސި ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައިއެވެ. މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަމަޖައްސަންޖެހޭނެ އެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ އެވެ.
ގެސްޓް ރޫމް ފައިނޭންސިންއަކީ ގިނަވެގެން ފަސް ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1،500،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރެވޭނެ އެވެ.
މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަރަދުކުރަންޖެހޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންގ މެދުވެރިކޮށް އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި މީގެ ސަބަބުން ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.