ރައީސްގެ ޖަރުމަނު ދަތުރުފުޅު | ފްރެންކްފަޓް ހިއްސާގެ ބާޒާރާ ގުޅުވޭ

ރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކަނީ ޖަރުމަނުގެ މައި ހިއްސާގެ ބާޒާރުގަ އެވެ. މި ސްކޫކް އެޕްރީލްގައި ދައްކަން ޖެހޭއިރު މި ދަތުރުފުޅުން ދޭ މެސެޖުތަކާއެކު އަގު އުފުލި އިންވެސްޓަރުންނަަށް ވަނީ ޔަގީންކަން ލިބިފަ އެވެ.

ރައީސް ޖަރުމަނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން -- ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނޭހެން ސަރުކާރުގެ ބޮޑު ވަފުދެއް މިހާރު ދަނީ ޖަރުމަނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅު ރައީސް ފައްޓަވާފައި މިވަނީ ރާއްޖެއަށް ނާޒުރު ވަގުތެއްގަ އެވެ. ނޭވާ ހިފަހައްޓާލައިގެން ތިބި ވަގުތެއްގަ އެވެ. ނަމަވެސް މި ދަތުރުފުޅުން ފެންނަ ބޮޑު މަންޒަރަކީ ރައީސް ޑރ. މުއިއްޒު ޖަރުމަނަށް ވަޑައިގެން ދެއްކި ބަޔާނާއި ރާއްޖޭގެ ބޮޑު ދަރަންޏާ ގުޅުމެއްވާ ކަމެވެ. މި ދަތުރުފުޅުމުގައި މިހާރު ހުންނެވި ޖަރުމަނަކީ މި އަހަރުގެ 8، އޭޕްރިލް ވަނަ ދުވަހު ދައްކަން ޖެހޭ ބޮޑު ދަރަނި ލިސްޓްކޮށްފައިވާ ގައުމެވެ. މޯލްޑިވްސް ސުކޫކް އިޝުއަންސް ލިމިޓެޑް މެދުވެރިކޮށް ބައިނަލްއަގުވާމީ މާލީ ބާޒާރަށް 500 މިލިއަން ޑޮލަރުގެ ސްކޫކް ލިސްޓްކޮށްފައިވަނީ ޖަރުމަނުގެ މައި ހިއްސާގެ ބާޒާރު "ޑޮއިޗަ ބޯސާ" ނުވަތަ ފްރެންކްފަޓް ސްޓޮކް އެކްސްޗޭންޖުގަ އެވެ. އެހެންވެ ރައީސްގެ ޖަރުމަނު ދަތުރުފުޅަކީ ހަމަހުރެފަ ކުރެއްވި ދަތުރުފުޅަކަށްވުރެ ބޮޑަށް ސީދާ އިންވެސްޓަރުންގެ ކުރިމައްޗަށް ގައުމުގެ އެންމެ އިސްވެރިޔާ ވަަޑައިގެން ދެއްވާ ޔަގީންކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ. 

ރައީސް ޖަރުމަނަށް ވަޑައިގެން ދެއްވި ބޭއްވި މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގެ މައިގަނޑު އަމާޒަކީ ވެސް މި އެވެ. މި ރައުންޑްޓޭބަލްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފަ އެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.

"މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ރާއްޖެއާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ވުނަކުރަމުންދާކަން ފާހަގަކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ސްކޫކުގެ އިތުބާރު އުފުލިފައިވާ މިންވަރު ފެންނަ ޗާޓެއް

މިއީ އިންވެސްޓަރުން މި ވަގުތު ބޭނުންވާ ހެޔޮ ހަބަރެވެ. ރައިސް މި ދަތުރުފުޅުގައި އުޅުއްވާއިރު ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކްއަށް އޮތް އިތުބާރުވެސް ވަނީ ބޮޑުވެފަ އެވެ. 

ރާއްޖޭގެ ސުކޫކާ ބެހޭ މައުލޫމާތު

  •  ސުކޫކުގެ ޖުމްލަ އަދަދު: 500 އެމެރިކާ ޑޮލަރު
  •  ކޫޕަން ރޭޓް - އަހަރަކު 9.875 ޕަސެންޓް
  •  މުއްދަތު ހަމަވާ ތާރީޚު: 8 އޭޕްރިލް 2026

މި ސުކޫކަކީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު، ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށާއި ބަޖެޓް ފައިނޭންސް ކުރުމަށްޓަކައި ލިސްޓުކޮށްފައިވާ ބޮންޑެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި މި ބޮންޑު މިހާރުވެސް ދަނީ ޓްރޭޑް ކުރެވެމުންނެވެ. މި ސްކޫކް މިދިޔަ ކުރީކޮޅު އަގު 65 ސެންޓަށް ވެއްޓުނު ނަމަވެސް، މި އަހަރު ފެށުމާއެކު މި ސުކޫކުގެ އަގު ވަނީ 95 ސެންޓަށްވުރެ މައްޗަށް ޖެހިލާފައެވެ. މިއީ އިންވެސްޓަރުންނަށް ރާއްޖެ އިން މި ދަރަނި އަދާކުރާނެ ކަމުގެ އިތުބާރު ބޮޑުވެފައިވާ ކަމުގެ ހެއްކެކެވެ.

ސުކޫކްގެ މިހާރުގެ މާކެޓް އަގު

  •  2024 މެދުތެރޭގައި - 68 - 72 ސެންޓް ދަށްވި
  •  2025 ފެށުނުއިރު - 80 - 85 ސެންޓް ރަނގަޅުވާން ފެށި
  •  މިހާރު - 95 - 96 ސެންޓް އިތުބާރު ބޮޑުވެފަ

ސުކޫކްގެ މިހާރުގެ މާކެޓް އަގު ގާތްގަނޑަކަށް 94 އާއި 96 ސެންޓާ ދެމެދު (ކޮންމެ އެއް ޑޮލަރަކަށް) މަތިވެފަ އެވެ. 
މިއީ 2024 ވަނަ އަހަރުގެ ފަހުކޮޅު މި އަގު 70 ސެންޓަށްވުރެ ދަށަށް ގޮސްފައި އޮތުމަށްފަހު، މިހާރު ވަނީ ޕާވެލިއު (100 ސެންޓް) އާ ގާތަށް ޖެހިލި ފުރަތަމަ ފަހަރެވެ. އަދި ޔީލްޑްގެ އަގު މައްޗަށް ދިއުމާއެކު، އިންވެސްޓަރުންނަށް ލިބޭ "އެފެކްޓިވް ޔީލްޑް" ވަނީ ދަށްވެފަ އެވެ. މިއީ ރާއްޖޭގެ ރިސްކް ކުޑަވަމުންދާކަމުގެ ނިޝާނެކެވެ. އެފެކްޓިވް ޔީލްޑް ދަށްވުމަކީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ މާނައަކީ ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލްކަމާމެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު އުފުލުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --

އިންވެސްޓަރުންގެ އިތުބާރު ބޮޑުވި ސަބަބުތައް

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މަރުކަޒީ ބޭންކުން ހަރުދަނާކޮށް، ބޭރުގެ އެހީތެރިކަމާއެކު ރިޒާވް މަތިވުމުން، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ކުޑަވުމެވެ. ރިސްކް ކުޑަވުމަކީ ޔީލްޑް ދަށްވާ މައިގަނޑު ސަބަބެކެވެ. އަނެއް ސަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިތުރުވުމެވެ. މިވަގުތު އެސްޑީއެފްގައި 295 މިލިއަން ޑޮލަރު އެބަހުއްޓެވެ. 

މި ހިސާބަށް އައީ ހިތި ބޭސް ބޮއެގެންނެވެ. ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގެ ރުހުމާ ދެކޮޅަށް ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފަށައި އަދި އެމްއެމްއޭއިން ވަނީ އެކަން ފުރިހަމައަށް ތަންފީޒުކޮށްފަ އެވެ. އަދި ފައިސާގެ އަގު ހިފަހައްޓަން މާކެޓް އިންޓަވެންޝަން ހަރަކާތްތަކެއްވެސް ހިންގާފަ އެވެ. 

މިއާއެކު މިހާރު ޔޫޒަބަލް ރިޒާވް މަތިވެ ޖުމްލަ ރިޒާވް ވަނީ އެއް ބިލިއަން ޑޮލަރަށް އުފުލިފަ އެވެ.  މީގެ އިތުރުން ސަރުކާރުން އެސްޑީއެފް ފަންޑަށް ޑޮލަރު ޖަމާކުރަމުންދާ މިންވަރު އިތުރުކުރުމަކީ އިންވެސްޓަރުންނަށް ލިބުނު ވަރަށް ބޮޑު ޔަގީންކަމެކެވެ. މި ޔަގީންކަމާއެކު އިންވެސްޓަރުން މަތީ އަގުގައި ބޮންޑު ގަންނަން ފެށި އެވެ. 

އަނެއް ސަބަބަކީ ރޭޓިންގް އެޖެންސީތަކުގެ ރޭޓިން ހެޔޮ ކުރުމެވެ. ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީތަކުން ރާއްޖޭގެ އިގްތިސާދީ އައުޓްލުކް ރަނގަޅުކުރުމާއި ސަރުކާރުން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ތާއީދުކުރުމަކީވެސް ޔީލްޑް ދަށްވާން މެދުވެރިވި ސަބަބެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.