ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާއަށް ދީނާ ދުރުކަމުގެ ތުހުމަތުތައް އަމާޒު ނުކުރުމަށް އަބްދުއްރަހީމް ވަނީ މެމްބަރުންގެ އަރިހުން އިލްތިމާސް ކުރައްވައިފަ އެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި، ޕީއެންސީގެ މެމްބަރުންނާ ދެމެދު "ލާދީނީ"ގެ އަރައިރުމަކަށް ބަދަލުވެއްޖެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ޕީއެންސީގެ މެމްބަރުން އެ ބިލަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވިޔަސް، އެމްޑީޕީއަކީ ދީނާ ދުރު "ލާދީނީ"ގެ ތުހުމަތުތައް އެމްޑީޕީއަށް ނިސްބަތް ކުރައްވައިފަ އެވެ.
"އެމްޑީޕީއަކީ އަބަދުވެސް ލާދީނީ ފިކުރުގެ ބައެއް،" ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްގެ ގޮތުގައި ސިފަކުރުން ހުއްޓުވައި ދިނުމަށް މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ރިޔާސަތުގައި ވެސް އެދިވަޑައިގެންފަ އެވެ.
"މިއީ އަނގަ ހައްދު ޖަހަން ޖެހޭ ދީނުން ބޭރުވާ ކަހަލަ ވާހަކަ އެކަކު އަނެކަކާ ދިމާލަށް ގޮވުން، ވަރަށް އިހުތިރާމާއެކު ދަންނަވަން އެކަން ހުއްޓުވައިދެއްވާށޭ... އަޅުގަނޑުމެން ބޮލުގައި ކެނޑިނޭޅި ތި އިލްޒާމު އަޅުވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބިދާނެ ގެއްލުމަކަށް ވެސް ތި ބޭފުޅުން ޒިންމާވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ޖަވާބު ދެއްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެކަން ހުއްޓުވޭނެ ގޮތެއް ރިޔާސަތަށް ނެތް ކަމަށެވެ.
ނަމަވެސް، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާއަށް ދީނާ ދުރުކަމުގެ ތުހުމަތުތައް އަމާޒު ނުކުރުމަށް އަބްދުއްރަހީމް ވަނީ މެމްބަރުންގެ އަރިހުން އިލްތިމާސް ކުރައްވައިފަ އެވެ.
ނަމަވެސް، އޭގެފަހުން ވެސް ބައެއް މެމްބަރުން އެފަދަ މޭރުމަކުން ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ.