ހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީބިލް ތަކެވެ. ސަރުކާރުން ދަނީ ގަވައިދުން އެތެރެއާއި ބޭރުގެ ދަރަނި ޓައިމަށް ދައްކަމުންނެވެ. މިއީ އިންވެސްޓަރުންގެ ކުރިމަތީގައި އިތުބާރު ބޮޑު ވެގެންދާ ސަބަބެވެ.

ދައުލަތުގެ ހަރަދު ހަމަޖައްސަން ސަރުކާރުން ކޮންމެ ހަފުތާއަކު ވިއްކާ ޓްރެޒަރީ ބިލް (ޓީބިލާއި) ބޮންޑަށް ނުދައްކާ ހުރި އަދަދު 91 ބިލިއަނަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރާ ބަޖެޓަށް ފައިނޭންސް ހޯދަން އެތެރޭގައި ވިއްކާ ސެކިއުރިޓީސްގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ޓީ-ބިލާއި ބޮންޑުގެ ނުދައްކާ ހުރި އަދަދު ވަނީ 91.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީބިލް ތަކެވެ. ޓީ-ބިލްގެ ގޮތުގައި ޖުމްލަ 41.1 ބިލިއަން ރުފިޔާ ދައްކަން ހުރިއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ހުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގާފައިވާ ބިލްތަކަށެވެ.
ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން ޖުމްލަ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ސެކިއުރިޓީޒް އެވެ.
ފިނޭންސުގެ ރިޕޯޓް ދައްކާ ގޮތުން އެންމެ ދިގު މުއްދަތުގެ ދަރަނީގެ ގޮތުގައި ހުރީ 15 އަހަރަށްވުރެ ދިގު މުއްދަތުގެ ދަރަންޏެވެ. މީގެ ޖުމްލަ އަދަދަކީ 21.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރުން މަރުކަޒީ ބޭންކު ދައްކަންޖެހޭ ބޮންޑު ތަކެވެ. މި ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ %42 އަށްވުރެ ބޮޑު ބައެއް ނުވަތަ ގާތްގަނޑަކަށް 39 ބިލިއަން ރުފިޔާ މުއްދަތު ހަމަވަނީ ސީދާ އެއް އަހަރުގެ މުއްދަތަށެވެ. މިއީ މުސްތަގުބަލުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގައި ބޮޑު ގޮން ޖެހުމަކަށް ވެދާނެ އެވެ.
ފިނޭންސް މިނިސްޓްރީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އާއްމުކުރި ދަރަނީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަަރަނީގެ ނިސްބަތް މިހާރު ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 88 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ދަރަނި ހުރީ 151 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.