ކުޑަކުދިންނަށް ޔޫޓިއުބާއި ޓިކްޓޮކްފަދަ ޕްލެޓްފޯމުތަކުން އެކިކަހަލަ ފާހިޝް ނުބައި ބަސްތަކާއި މަންޒަރުތައް ދަސްކޮށްދެމުންދާ ކަންވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމަށާއި، އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ނިޒާމު ބޭނުންކޮށްގެން މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަނީ ސ. ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދެވެ. މި ޕެޓިޝަނަށް ސޮއި ހުށަހެޅެނީ އީފާސް މެދުވެރިކޮށެވެ.
ޕެޓިޝަންއާ ގުޅޭ ތަފްސީލުގައި އާނިމް ބަޔާންކޮށްފައިވަނީ، ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި ފަހަކަށް އައިސް ކުޑަކުދިން ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުންކުރުން އިތުރުވެފައިވާ ކަމަށާއި، އެކުދިން ކުރަނީ ކީއްތޯ ބަލައިލާން ބެލެނިވެރިންނަށް ވަގުތުވެސް ނުވާ ކަމަށެވެ.
ކުޑަކުދިންނަށް ޔޫޓިއުބާއި ޓިކްޓޮކްފަދަ ޕްލެޓްފޯމުތަކުން އެކިކަހަލަ ފާހިޝް ނުބައި ބަސްތަކާއި މަންޒަރުތައް ދަސްކޮށްދެމުންދާ ކަންވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.
"މިހެން މިކަން އޮތުމުން ކުޑަކުދިންނަށް އެކި ކަހަލަ ނޭދެވޭ އަހުލާގީ އަދި ތަބީއީ ބަދަލުތަކެއް އަންނަކަން ފެންނާތީ، މިކަންކަމުގައ ޓެކްނޮލޮޖީ އާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބިނާކޮށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް އަދާހަމަ ކުރުމަށް ހުޓަހަޅާ ޕެޓިޝަނެއް،" ޕެޓިޝަނުގައި ބަޔާންކޮށްފައިވެ އެވެ.
ބޭނުންވާ ހައްލުގެ ތެރޭގައި ވަނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، ޓްވިޓާ، ޔޫޓިއުބް، ޓިކްޓޮކް އަދި ބައެއް ނޫސްތަކާއި ކާކުކަން ނޭނގޭނެހެން ޕޯސްޓްކޮށް ހެދޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭހެން ގާނޫނު އިސްލާހު ކުރުމެވެ. އަދި އެ ޕްލެޓްފޯމްތަކަށް އެ ގާނޫނުގައި އެކުލަވާލާ ގަވާއިދާ އެއްގޮތަށް ކުދިން އަމަލުކުރަން އެންގުން ހިމަނާފައިވެ އެވެ.
އޭގެއިތުރުން، ގާނޫނުން އެކަން މަނާ ކުރުމަށްފަހު ސޯޝަލް މީޑިއާ ބޭނުންކުރާކަން އެނގިއްޖެނަމަ ކައުންސެލިން ނުވަތަ ނަސޭހަތް ދިނުމަށާއި ތަކުރާރުކޮށް ވަންނަ ކުދިންނަށް ފިޔަވަޅު އެޅުމުގެ ބާރު ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ދިނުމަށް އެ ޕެޓިޝަންގައި އެދިފައިވެ އެވެ.
އަދި ސްކޫލްތަކާއި ކޮލެޓުތަކަށް ފޯނު ނުވެއްދޭނެހެން ހަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފެށުމަށްވެސް އެ ޕެޓިޝަންގައި އެދިފައިވެ އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޮސްޓްރޭލިއާގައި މިހާރު އެކަން މަނާކޮށްފައިވާއިރު، ޔޫކޭ އިން ވެސް ދަނީ އެ މަސައްކަތް ކުރަމުންނެވެ.