މި ހާދިސާ ހިނގާފައިވަނީ ކޮލަމްބިއާގެ ކެރީބިއަން އައްސޭރިފަށުގެ ސަރަހައްދަކަށް ރައީސް ޕެޓްރޯ އާއި އެމަނިކުފާނުގެ ދަރިކަނބަލުން ދަތުރުކުރައްވަނިކޮށެވެ.

ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ހަމަލާދީ އަވަހާރަކޮށްލަން ރޭވި ރޭވުން ނާކާމިޔާބު ކޮށްލައިފި އެވެ.
ކޮލަމްބިއާގެ ގައުމީ ޓީވީން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް އަމާޒުކޮށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ރޭވުމަކުން ހަނިގޮތަކަށް ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ކޮލަމްބިއާގެ ކެރީބިއަން އައްސޭރިފަށުގެ ސަރަހައްދަކަށް ރައީސް ޕެޓްރޯ އާއި އެމަނިކުފާނުގެ ދަރިކަނބަލުން ދަތުރުކުރައްވަނިކޮށެވެ.
އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕެޓްރޯ ވިދާޅުވީ ހެލިކޮޕްޓަރު ޖައްސަން އޮތް ތަނުގައި ބަޔަކު ހަމަލާއެއް ރާވައިގެން ތިބި ކަމުގެ މައުލޫމާތު ލިބުމުން، ރައްކާތެރިކަމަށްޓަކައި ހެލިކޮޕްޓަރު ވަނީ ކަނޑުމަތީގައި ހަތަރު ގަޑިއިރެއްހާއިރު މަޑުކޮށްފައިވާ ކަމަށެވެ.
ރައީސް ޕެޓްރޯ ތުހުމަތު ކުރައްވާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކުން އެމަނިކުފާނު އަވަހާރަކޮށްލަން ރާވަމުންދާ ރޭވުންތަކުގެ ބައެކެވެ. މީގެ ކުރިން ވެސް އެމަނިކުފާނަށް އަމާޒުކޮށް މިފަދަ ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރުތައް ލިބިފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.