ރައީސް މުހައްމަދު ނަޝީދު ވަނީ މޫސުމީ ބަދަލުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި މަޑަގަސްކަރައަށް އެހީވާން ވީ ވަގުތު ޖެހިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނެއްގެ ސަބަބުން އެފްރިކާގެ މަޑަގަސްކަރައަށް ގެއްލުން ވަމުންދާއިރު، އެ ގައުމަށް އެހީވުމުގެ އިސް ސަފަށް ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގެންފި އެވެ.
މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގެ ރަށެއް ކަމަށްވާ ތޯމަސީނާ އަށް ވަރުގަދަ ތޫފާނެއް ކަމަށްވާ 'ގެޒާނީ' ގެ ނަން ދީފައިވާ ތޫފާނެއް އަރައި ދަނީ ގެއްލުންވަމުންނެވެ. އަދި އެ ގައުމުން ދަނީ ގެއްލުންތައް ބަލައި އެހީ ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މަޑަގަސްކަރަ އެހީދޭ މައިމަރުކަޒުގައި ހުންނަވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ދެ ގަނޑު ފޮޓޯއާއެކު ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ކެޓަގަރީ ހަތަރެއްގެ ގެ ބާރުގަދަ ތޫފާނެއް މަޑަގަސްކަރައަށް އަރަމުންދާއިރު، މި ވަގުތު އެ މަނިކުފާނު ހުންނެވީ ހާދިސާ ހިނގަމުންދާ ސަރަހައްދުގަ އެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު ވަގުތުން ފެންނަމުންދާކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ސައިރަންގެ އަޑުތަކާއި އިންޒާރުތަކާއި، މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމާއި، އަދި އިންސާނީ ފުރާނަ ސަލާމަތްކުރުމަށް މުއައްސަސާތަކުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތެއް. މިތަނުން މި ފެންނަ ސާބިތުކަމަކީ ނުރައްކާތެރި ދަނޑިވަޅެއްގައި ދައްކުވައިދޭ ހިތްވަރެއް. ދުނިޔެއިން މި ހިިތްވަރާ އެއްވަރުގެ އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
މަޑަގަސްކަރައިގެ އިރުމަތީ އައްސޭރިއަށް ތޫފާނުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 250 ކިލޯމީޓަރުގައެވެ. މީގެ ސަބަބުން ގޭގޭގެ ފުރާޅުތައް އުދުހި، މުޅި ސިޓީ ވަނީ ސުންނާފަތިވެފަ އެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ސަރަހައްދުތަކުން މުވާސަލާތީ ޚިދުމަތާއި ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ. މި ތޫފާންގެ ސަބަބުން އެ ސަރަހައްދުގެ އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.