ހުއިފިލަނޑާ ނީލަންކީ ޕީޖީގެ ލަފާގެ މަތިން، އެއީ ވަގަށް ނަގާފައި ހުރި ދެ މިލިއަން ރުފިޔާގެ ތަކެތި

ފުލުހުން އިއްޔެ ވަނީ ނީލަމުގައި ހުއިފިލަނޑާތަކެއް ވިއްކާލާ ކަމަށް އިއުލާނުކޮށްފަ އެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ނީލަން ފެށޭ އަގަކީ 300 ރުފިޔާ ކަމަށެވެ.

ނީލަމުގައި ވިއްކަން އިއްޔެ އިއުލާނުކޮށްފައި ވަނީ ވެރިފަރާތް ކަށަވަރު ނުވާ، ވަގަށް ނަގާފައިވާ ހުއިފިލަނޑާތަކެއް ކަމަށާއި، ވިއްކަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ވަނީ ނީލަމުގައި ހުއިފިލަނޑާތަކެއް ވިއްކާލާ ކަމަށް އިއުލާނުކޮށްފަ އެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ނީލަން ފެށޭ އަގަކީ 300 ރުފިޔާ ކަމަށެވެ.

އޭގެ ތަފްސީލު ހާމަކުރަމުން ފުލުހުން މިއަދު ބުނެފައިވަނީ އެއީ އެތަކެއްޗަކީ ކ. ތިލަފުށީ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ކަމަށެވެ. 

އެތަކެތި ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ ވެރިފަރާތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން އެތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށެވެ. އެހެންވެ، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވެ އެވެ. 

ފުލުހުން ހޯދި ހުއިފިލަނޑާތަކުގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން ވަނީ އެދިފަ އެވެ.

ޕީޖީ އޮފީހާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ، އެ ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ޕީޖީން ބުނެފައިވެ އެވެ. 

"އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދެއްވާފަ. މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީޖީ އޮފީހުން ވަނީ ލަފާދެއްވާފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ޝަރީއަތުން ނިންމަވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.