އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާތީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުނީ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބާލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރައުންޑްޓޭބަލްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވާފަ އެވެ. އެ ތަސައްވުރަކީ، ދިވެހި އިގްތިސޯދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަޒުމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.
އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރު ފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށެވެ.
"މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ރާއްޖެއާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ވުނަކުރަމުންދާކަން ފާހަގަކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެނާޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ. ސޯލާ ސިޓީ ފަދަ މަޝްރޫއުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި، ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސޯދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ހައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫއުތަކުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއާ" ކަން ފާހަގަކުރައްވައި، މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފަ އެވެ.
މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފަ އެވެ.