ގޭސްގެ ޝިޕްމަންޓަކަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހުން ބަލަން ފަށައިފި

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ މައްސަލައާ ބެހޭގޮތުން އެސްޓީއޯގެ ފަރާތުން ލިއުމުން ޖަވާބު ހޯދުމަށެވެ.

މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން --

މޯލްޑިވް ގޭހުން، ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލަ ބަލައިދޭން އެ ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ. އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، މޯލްޑިވް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދުބާއީ ކުންފުންޏަކަށް ދެއްކި 246،645 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.

އަދި އެ ފައިސާއަށް އަދިވެސް ވީގޮތެއް ނޭނގޭތީ، އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ ވަނީ އެސްއޯއީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ މައްސަލައާ ބެހޭގޮތުން އެސްޓީއޯގެ ފަރާތުން ލިއުމުން ޖަވާބު ހޯދުމަށެވެ. އެއީ ގޭސް ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ވާތީ އެވެ.

އެގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އޭނާ ވިދާޅުވެފައި ވަނީ އެސްޓީއޯއިން އެ މައްސަލައާ ގުޅޭ ކަންކަން ބަލައި، ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެ ކުންފުނީގެ ފަރާތުން މައުލޫމާތު ސާފުކުރުން ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.

ޝާކިރު ކޮމެޓީއަށް ހުށަހެޅުއްވި ސިޓީގައި، މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދަށް ވެސް ތުހުމަތެއް ކުރައްވައިފަ އެވެ.

އެގޮތުން، މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް، ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި އެމްޑީ ޕޯސްޓެއް ކުރައްވާފައިވާތީ، އެ މައްސަލަ ވެސް ބަލައިދޭން ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.

ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އެންމެ ފުރަތަމަ ހާމަވީ، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.

އޭނާ އޭރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ "ގެއްލުނު" އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.