އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ނެގި މައްސަލައިގައި ދައުވާކުރި އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދުގެ މައްޗަށް 11 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.
މި މައްސަލައިގެ ޝަރީއަތް ފަށައި އަޑުއެހުންތައް ކުރިއަށް ދަނިކޮށް އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ، އޭނާގެ އިއުތިރާފުން މައްސަލަ ސާބިތުވާ ކަމަށް މިދިޔަ ހަފްތާ ވަނީ ހުކުމްކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް އިއްވާފައި ވަނީ ދެ މަހުގެ ޖަލު ހުކުމަކާއި 62،400ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.
އަދި ފޭރުމުގެ ދައުވާގައި އިއްވާފައި ވަނީ ހަތް މަހަށް ޖަލަށްލުމާއެކު 130،800ރ. އިން ޖޫރިމަނާ ކުރުމަށެވެ. އަދި ފައިސާ ހޯދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. ދިނުމަށް ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާގައި ހުކުމްކޮށްފައި ވަނީ ދެ މަހަށް ޖަލަށްލުމާއެކު 62،400ރ. އިން ޖޫރިމަނާ ކުރުމަށެވެ. އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދިނުމަށް އަމުރުކޮށްފައިވެ އެވެ.
މި އެއްބަސްވުމާ ނުލައި މައްސަލަ ސާބިތުވި ނަމަ، ގާތްގަނޑަކަށް ފަސްވަރަކަށް އަހަރުގެ ޖަލު ހުކުމެއް އިބްރާހިމްގެ މައްޗަށް އައީހެވެ.
ކޮރަޕްޝަންގެ މި މައްސަލައިގައި ދައުވާ އުފުލި ދެ އިމިގްރޭޝަންގެ އޮފިސަރުން ވަނީ މީގެ ކުރިންވެސް ކުށަށް އިއުތިރާފްވެފަ އެވެ. އެއީ ތ. ބުރުނި، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު އާއި އެގޭ ހަސަން ސެހެޝާންގެ އިތުރުން މ. ހާޒާރީވިލާ، އަހުމަދު ލައްސާން އެވެ.
މި މައްސަލައިގައި ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފަ އެވެ.