މި ހިނގާ މަޖިލީހުގެ ދައުރު ކުރުކޮށްލައި، މައި ދެ އިންތިހާބު އެއްކޮށްލަން ފާސްކޮށްފި

މި އިސްލާހަށް އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ކުރުކޮށްލައި، ދެން އޮންނަ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު، މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

ފަލާހު އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށް ކަމަށެވެ.

އެ ބިލުގައި ވަނީ، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މި އިސްލާހަށް އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.

މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.

އެ އިސްލާހު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބު އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށްފަހު، އެ އިސްލާހަށް އެއްވެސް އުނިއިތުރެއް ނުގެނެސް ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން ނިންމި ގޮތަށް، އެ އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާ ފާސްކޮށްފައިވަނީ އެ ކަމަށް ނެގުނު ވޯޓުގައި ބައިވެރިވެޑައިގެންނެވި 72 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މައި ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި އާންމުން ދެކޭ ގޮތް ބެލުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު، އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ނެގުމަށް ސަރުކާރުން ވަނީ ވިސްނައިފަ އެވެ.

އިދިކޮޅު އެމްޑީޕީ ކަނޑައެޅިގެން ދެކޮޅު

މައި ދެ އިންތިހާބު އެއްކޮށްލުމާ އިދިކޮޅު އެމްޑީޕީން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ.

މިގޮތުން، އެ އިސްލާހު ދިރާސާކުރިއިރު، ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމަށްފަހު، އެ އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީން ވަނީ ވޯކްއައުޓް ކޮށްފަ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި، އިންތިހާބު ބާއްވަން ހިނގާ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މި އިސްލާހު ގެންނަން އުޅެނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިއްބައިދީފައިވާ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓުގެ ބަހުސްގެ ތެރެއިން ވެސް އެމްޑީޕީ މެމްބަރުން ވަނީ އެ އިސްލާހާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރާއި ވެރިކަންކުރާ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން، އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން އިއްވައި، ވަނީ ތަޅުމުން ވެސް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.