ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓުލާ ދުވަހު އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރީ-ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީސް އިންތިހާބު 2024 ގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދިފައިވާ ފަރާތްތައް އެކަނި ކަމަށެވެ.
އަދި ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އީސީ އިން ބުނީ ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަންގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
އީސީ އިން ބުނީ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ އެވެ.