ހޮޓެލިއާ އެވޯޑަށް ގިނަ އަދަދެއްގެ ރިސޯޓްތަކުން ކުރިމަތިލައިފި

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ 179 ރިސޯޓުގެ ތެރެއިން ވަރަށް ގިނަ ރިސޯޓުތަކުން ވަނީ 460 އަށް ވުރެ ގިނަ ނޮމިނޭޝަން ހުށަހަޅާފަ އެވެ.

މިދިޔަ އަހަރު ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ލިބުނު ފަރާތެއް އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިގެން -- ހޮޓެލިއާ

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަށް ކުރިމަތިލުމުގެ މުއްދަތު 9 ފެބްރުއަރީ 2026ގެ ނިޔަލަށް ހަމަވިއިރު، ރިސޯޓުތަކުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ބަންދުވީ 9 ފެބްރުއަރީ 2026ގެ ނިޔަލަށެވެ. މިއީ އެކި ރިސޯޓުތަކުން އެދެމުންދިޔަ ގޮތަށް، އެވޯޑަށް ކުރިމަތިލުމަށް ހުށަހެޅުމަށް އިތުރު އެއް ހަފުތާގެ މުއްދަތެއް ދިނުމަށް ފަހު އެވެ. މި މުއްދަތު ހަމަވިއިރު، ރާއްޖޭގައި މިހާރު ހިންގަމުން އަންނަ 179 ރިސޯޓުގެ ތެރެއިން ވަރަށް ގިނަ ރިސޯޓުތަކުން ވަނީ 460 އަށް ވުރެ ގިނަ ނޮމިނޭޝަން ހުށަހަޅާފަ އެވެ.

ހުރިހާ ނޮމިނޭޝަންތަކެއް ވެސް ހުށަހަޅާފައިވަނީ ރަސްމީ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކޮންމެ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރު ނުވަތަ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އެންޑޯސްމަންޓް ސިޓީއަކާ އެކު އެވެ.

މި އެވޯޑަށް ހުށަހެޅުންތައް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތިތަކުންނެވެ. އޭގެ ތެރޭގައި ދިވެހި ކުންފުނިތަކުން ހިންގާ ރިސޯޓުތަކާއި ބައިނަލްއަގުވާމީ ރިސޯޓް ގްރޫޕްތަކުގެ އިތުރުން، އެންމެ މަތީ ފަންތީގެ ރިސޯޓުތައް ވެސް ހިމެނެ އެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުން މި އެވޯޑަށް ދޭ ސަމާލުކަމާއި އެވޯޑުގެ މަގުބޫލުކަން އިތުރުވަމުން އަންނަކަން ހާމަކޮށްދޭ ކަމެކެވެ.
މި އަހަރުގެ އެވޯޑަށް އިންސާފުކުރާނެ ފަނޑިޔާރުންގެ ޕެނަލް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުންޏެވެ. ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމަށް ފަހު، ހުށަހަޅާފައިވާ ނޮމިނޭޝަންތައް ދިރާސާކޮށް ޝޯޓްލިސްޓް ކުރާނެ އެވެ. އަދި ޝޯޓްލިސްޓްގައި ހިމެނޭ ފަރާތްތަކަށް އާންމުންގެ މެދުގައި ވޯޓުލުން އަންނަ މަހުގެ ކުރީކޮޅު ފަށާނެ އެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ގާލާ ނައިޓް ބާއްވާނީ އަންނަ އޭޕްރީލް މަހުގެ މެދުތެރޭގަ އެވެ. މި ހަފުލާގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި މުވައްޒަފުން އަދި މި ދާއިރާއާ ގުޅުންހުރި އެކި ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ރިސޯޓު ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކުރާނެ އެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަޝިޕްގެ ދަށުން ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރިސޯޓުތަކުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން، 2024ގައި ފެށި މި އެވޯޑަކީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި ޓީމުތަކަށް ހާއަސަކޮށްގެން ދޭ ހަމައެކަނި އެވޯޑެވެ. މި އަހަރުގެ އެޑިޝަނަކީ މިހާތަނަށް މި އެވޯޑު ބާއްވާ އެންމެ ފުޅާ ދާއިރާ އެވެ. މިފަހަރު ވަނީ ވަކިވަކި މުވައްޒަފުންގެ އިތުރުން، ޓީމުތަކަށް ހާއްސަ އާ ކެޓަގަރީތަކެއް ވެސް ތައާރަފުކޮށްފަ އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.