ޝަމީޒް ހުށަހެޅުއްވި އިސްލާހުގައި، ރަސްމީ ބަންދު ދުވަސްތަކުގެ ލިސްޓަށް މަސައްކަތްތެރިންގެ ދުވަސް ހިމަނަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ކޮންމެ އަހަރެއްގެ މަސައްކަތްތެރިންގެ ދުވަސް، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ ބިލުގައި، ކޮންމެ އަހަރެއްގެ މެއި 1 ގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި، ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދީ ދުވަހާއި، ރާއްޖެ އިސްލާވި ދުވަހާއި، މިނިވަން ދުވަހާއި، މުލަ ރޯދަ އާއި، ފިތުރު އަދި އަލްހާ އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަސް އަދި ހައްޖު ދުވަހެވެ.
ނަމަވެސް، ޝަމީޒް ހުށަހެޅުއްވި އިސްލާހުގައި، ރަސްމީ ބަންދު ދުވަސްތަކުގެ ލިސްޓަށް މަސައްކަތްތެރިންގެ ދުވަސް ހިމަނަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ޝަމީޒް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، އަންހެން މުވައްޒަފުން ވިހެއުމުގެ ޗުއްޓީއަށްފަހު އޮފީހަށް ނުކުތުމަށްފަހުގައި، އޮފީސް ގަޑީގައި ދަރިފުޅު ކައިރިއަށް ކޮންމެ ދުވަހަކު ދެ ފަހަރު 30 މިނެއްޓަށް ދެވޭ މުއްދަތު، ދަރިފުޅަށް އެއް އަހަރު ވަންދެން އޮތް އޮތުން، ދެ އަހަރަށް އިތުރުކުރުން ވެސް ހިމެނެ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.