މައި ދެ އިންތިހާބު އެއްކޮށްލާ އިސްލާހު މާދަމާ ފާސްކުރަނީ

ކޮމިޓީގެ ރިޕޯޓު، މާދަމާއަށް ތާވަލުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައި ގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

އެ އިސްލާހު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބު އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށްފަހު، އެ އިސްލާހަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފާސްކޮށްފައިވަނީ މިއަދެވެ.

ކޮމިޓީގެ ރިޕޯޓު، މާދަމާއަށް ތާވަލުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.

އެހެންކަމުން، ކޮމިޓީން ނިންމި ގޮތަށް އެ އިސްލާހު މަޖިލީހުން މާދަމާ ފާސްކުރާނެކަމަށް ބެލެވެ އެވެ. 

ފަލާހު އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށް ކަމަށެވެ.

އެ ބިލުގައި ވަނީ، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.

މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.

މައި ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި އާންމުން ދެކޭ ގޮތް ބެލުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު، އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ނެގުމަށް ސަރުކާރުން ވަނީ ވިސްނައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.