މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު، އެ ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
އެ އިސްލާހު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބު އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ވެސް ހޯދައިފަ އެވެ.
ނަމަވެސް، އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އެ އިސްލާހަށް އެއްވެސް އުނިއިތުރެއް ނުގެނެސް ވަނީ ފާސްކޮށްފަ އެވެ.
ފަލާހު އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށް ކަމަށެވެ.
އެ ބިލުގައި ވަނީ، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.
މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.