އެނގިފައިވާ ގޮތުގައި، މިއަދު ބާއްވަން އޮތް ޖަލްސާ ފަސްކުރީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް، ވެރިކަންކުރާ ޕީއެންސީގެ ގިނަ މެމްބަރުން މި ވަގުތު އަތޮޅު ތެރޭގައި ތިއްބެވެމުންނެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ބާއްވާނެ ކަމަށް އިއުލާނުކޮށްފައިވިޔަސް، އެ ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާކަން އެނގިއްޖެ އެވެ.
މި އަހަރަށް މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދައުރުގެ ފުރަތަމަ ޖަލްސާ ނިންމަވައިލައްވަމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ދައުރުގެ ދެވަނަ ޖަލްސާ މިއަދު އޮންނާނެކަން އިއުލާނުކުރައްވައިފަ އެވެ.
އަދި މިއަދު ޖަލްސާއެއް އޮންނާނެކަން، މެސެޖުގެ ޒަރިއްޔާއިން އިއްޔެ ހެނދުނުގެ ވަގުތެއްގައި މެމްބަރުންނަށް ވެސް އެނގިކަން އެނގިފައިވެ އެވެ.
ނަމަވެސް، ރޭގެ ވަގުތެއްގައި މިއަދަށް ތާވަލުކުރި ޖަލްސާ ކެންސަލްކޮށް، ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖެއްސިކަން، އިތުރު މެސެޖަކުން މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.
އެނގިފައިވާ ގޮތުގައި، މިއަދު ބާއްވަން އޮތް ޖަލްސާ ފަސްކުރީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް، ވެރިކަންކުރާ ޕީއެންސީގެ ގިނަ މެމްބަރުން މި ވަގުތު އަތޮޅު ތެރޭގައި ތިއްބެވެމުންނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބާއްވަން ހަމަޖެއްސި، އަދި މާދަމާއަށް ތާވަލުކުރި ޖަލްސާގެ އެޖެންޑާ ވެސް އަދި ޝާއިއުކޮށްފައެއް ނުވެ އެވެ.