މި ހިދުމަތަކީ ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި ހިދުމަތެކެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގައި ތެލެސީމިއާއަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ތެލަސީމިއާ އަދި ހީމޮގްލޮބިންއާ ގުޅޭ ތަހުލީލު ހަދާ ޑީއެންއޭ ލެބޯޓްރީ މިއަދު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގުގެ އިތުރުން ހެލްތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގު ވިދާޅުވީ މި ލެބާއެކު އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިންމު ބާވަތްތައް ރާއްޖޭގައި ތަހުލީލު ކުރެވި، ނަތީޖާ ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ޖުމްލަ 27 ބާވަތުގެ މިއުޓޭޝަންސް މި ލެބުން ދެނެގަނެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއީ ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް މުހިންމު ތަހުލީލު ތަކެއް ކަމަށާއި، ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ހާއްސަ ކުރެވިފައިވާ ކިޓްތައް ފަރުމާކޮށްފައި ވަނީ ދިވެހިންނަށް ހާއްސަ މިންގަނޑުތަކަށް ރިއާޔަތްކޮށްގެންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުއްރައްޒާގު ވިދާޅުވީ މި ހިދުމަތް ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައި އަދި ކައިވެނި ކުރުމުގެ ކުރިން ތެލެސީމިއާ ވާރުތަކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެ، ތެލެސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާއި އަދި ތެލެސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ހިދުމަތް ފެށުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްތަކުގެ ސަބަބުން ޖީލުތަކަށް މި ހިދުމަތް ފަސޭހަވެގެން ދާނެ ކަމަށެވެ.
މި ހިދުމަތަކީ ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި ހިދުމަތެކެވެ.