ލާމުތާގެ މަސްވެރިން މުޒާހަރާގައި ސަރުކާރަކަށް އަޑެއް ނީވޭ

ދެ އަތޮޅުގެ މަސްވެރިން ޑިމާންޑް ކުރަނީ ނުދީ ހުރި 21 މިލިއަން ރުފިޔާ ލިބޭނެ ގޮތެއް ހަދައިދޭށެވެ. އަދި ތެޔޮ ލިބޭނެ ގޮތެއްވުމާއި އައިސް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދިއުމެވެ.

މާންދޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ -- މަސްވެރިންގެ ފޮޓޯއެއް

ލާމާއި ތާގެ މަސްވެރިން އެއްވެ އެ ތިބީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، ގާސިމް އިބްރާހިމް ގެ މަސް ކާރުހާނާ މާދޫންގަ އެވެ. ސަބަބަކީ މަސް ކިރުވައި ފައިސާ ނުދިނުމެވެ. ދޭން ޖެހޭ ފައިސާގެ ޖުމުލަ އަދަދު 21 މިލިއަން ފަހަނަ އަޅަ އެވެ. ބައެއް ދޯނި ފަހަރަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ މިލިއަނަކަށް އަރަ އެވެ. އެކަމަކު މިކަން ހައްލު ކުރުމުގައި ސަރުކާރުން އެއްވެސް ރޯލެއް ކުޅޭތަނެއް ނުފެންނަ ކަމަށް މަސްވެރިން ބުނެ އެވެ. ސަރުކާރުގެ ހަބަރެއް ނެތެވެ، ވާކަމެއް ނޫނެވެ.

"އިއްޔެ ފިޝަރީޒް މިނިސްޓަރު [ޑރ. ހުސެއިން ރަޝީދު ހަސަން] އަށް މިތަނުން ކުއްޖަކު ގުޅި. މިނިސްޓަރަށް ވެސް މިކަމުގެ ހަބަރެއް ނޭނގެ. މާބޮޑު އަހަމިއްޔަތުތަކެއް ނެތް،" މުޒާހަރާގައި ހުރި ލ. ގަމު ރާސްތާ ދޯނީގެ ކެޔޮޅު އަހުމަދު މުފީދު "މި" އަށް ބުންޏެވެ.

އޭނާ ބުނީ މި ވަގުތު ވެސް މުޒާހަރާގައި 26 ދޯންޏެއްގެ ފަޅުވެރިންނާއި އޮޑިވެރިން މާދޫގައި އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ މުޒާހަރާ ކުރަން ފެށީމަ ފުލުހުން މި ރަށުގައި އެބައުޅޭ އައިސް. މިވަގުތު ވެސް މި ތިބީ އޮފީސް [މާންދޫ] ކައިރީގަ. މެނޭޖުމަންޓުން ޑިމާންޑްތަކަށް މާ ބޮޑު އިޖާބައެއް އަދި ނުލިބޭ،" މުފީދު ބުންޏެވެ.

ލ އާއި ތ. ގައި ދުއްވާ 100 އެއްހާ މަސް އޮޑި އޮންނައިރު ގިނަ ދޯނި ފަހަރުން މަސް ކިރުވަނީ ހޮރައިޒަންގެ މަސް ފެކްޓްރީ މާންދޫ އަށެވެ. އެ ފެކްޓްރީން މަސް ކިރުވަނީ ކިލޯއެއް 16ރ. އަށެވެ. މިހާ ކުޑަ އަގެއްގައި މަސް ކިރުވާއިރު ބަރާބަރަށް ފައިސާ ނުލިބުމަކީ މަސްވެރިންގެ މައިގަނޑު ޝަކުވާ އެވެ.

ލ. ގަމު މަސްވެރިންގެ ޖަމިއްޔާގެ އާއްމު މެންބަރެއް ކަމަށްވާ މުފީދު ބުނި ގޮތުގައި މަސްވެރިންގެ މައްސަލަ ހައްލު ކުރަން އަތޮޅު ކައުންސިލުން އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އަދި މާންދޫ އާއި މަސްވެރިންނާ ދެމެދު މަސް ކިރުވާފައި އަގު ދޭން ވަކި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ.

މާންދޫ ފަޅުތެރޭގައި މަސް އޮޑިފަހަރު އަޅާފައި: އިހުތިޖާޖު ކުރާތާ އެއް ދުވަސް ވަނީ ވެފައި -- މަސްވެރިން

"ކޮންމެ ފަހަރު މަސް ކިރުވާފަ ކޭޝިއަރު ބުނާނެ ފައިސާ ދެވޭނީ 21 ދުވަހުންނޭ. އަހަރެމެން [މަސްވެރިން] ބުނަން އަވަސް ކޮށްދޭށޭ. މިހާރު ބައެއް ދޯނި ފަހަރުގައި އެބަހުރި ދޮޅު މަހުގެ ފައިސާ ނުލިބި. ބައެއް ދޯނި ފަހަރަށް މިލިއަނެއް. ހަ ލައްކަ ވަރު އެބަހުރި،" މުފީދު ބުންޏެވެ.

"މާންދޫ މެނޭޖުމަންޓުން ބުނަނީ މައި އޮފީސް [މާލެ] އާ ވާހަކަ ދައްކާ ކަމަށް. އެ މީހުން [މާލެ އޮފީހު] ގެ ބޭފުޅުން ބުނަނީ މިހާރު ޑިމާންޑް ކޮށްފައިވާ އަދަދު [21 މިލިއަން ރުފިޔާ] އެއްކޮށް ދެވެން ނެތް ކަމަށް،"

ލާމު ތާގެ މަސްވެރިންގެ އަނެއް ޑިމާންޑަކީ ތެލާއި އައިސް އެކަށީގެންވާ ގޮތެއްގައި ލިބުމެވެ. މިހާރު ދޯންޏަކަށް މާންދޫން ދޫކުރަނީ 700 ލިޓަރާއި 800 ލިޓަރުގެ މިންވަރެވެ. އެވަރަކީ މަހަށް ފުރާ ދޯންޏަކަަށް ކުޑަ އަދަދެކެވެ. އަދި އައިސް ވިއްކަނީ 500 ކިލޯގެ މަގުންނެވެ. މަސްވެރިންގެ ޑިމާންޑަކީ މަދުވެގެން ދެ ޓަނުގެ އައިސް ދޯންޏަކަށް ވިއްކުމެވެ.

ދެ އަތޮޅުގެ މަސްވެރިންގެ ޑިމާންޑް

  •  ނުދީ ހުރި 21 މިލިއަން ލިބުން
  •  އައިސް ލިބޭނެ ފަސޭހަ ގޮތެއް ވުން
  •  ޑީސަލްގެ ލިމިޓު ދޫކޮށްލައި ތެޔޮ ދިނުން

އިހުތިޖާޖު ކުރާ މަސްވެރިންގެ ފަރާތުން މީޑިއަށް މައުލޫމާތު ދެމުން މުފީދު ބުނި ގޮތުގައި ހޮރައިޒަންގެ މާންދޫގައި އައިސް އާއި ތެޔޮ މަސްވެރިން ބޭނުންވާ ޑިމާންޑާ އެއްވަރަށް ކުރިން ފޯރުކޮށް ދީފައި އެބަހުރި ކަމަށެވެ.

"ކުރިން ބަރާބަރަށް ދީފައި އެބަހުރި އެހެން މިހާރު ވެސް ދެވޭނެ، އެ މީހުން [ހޮރައިޒަން] އިން މިކަމުގައި [ތެލާއި އައިސް ވިއްކުމުގައި] ދަތިތަކެއް ހުރި ކަމެއް ނުބުނޭ،" މުފީދު ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.