އަދި، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ކުރިން އޮތް، އެ ގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފަ އެވެ. މީގެ ކުރިން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް އޮތީ ކަނޑައަޅައިފަ އެވެ.

ދިވެހިން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ދިވެހިރާއްޖޭން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކޮށްފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން އަހަރަކު އެއް ފަހަރު އާންމުކުރާ ލިސްޓުގައި، 2019 ވަނަ އަހަރުން ފެށިގެން ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތް ސީރިއާ ވަނީ އުނިކޮށްފަ އެވެ.
އަދި، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ކުރިން އޮތް، އެ ގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފަ އެވެ. މީގެ ކުރިން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް އޮތީ ކަނޑައަޅައިފަ އެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައި މިވަނީ، އެމެރިކާ ހިމެނޭހެން ވަރަށް ގިނަ ގައުމުތަކުން އެޗްޓީއެސް ޖަމާއަތް ޓެރަރިސްޓު ލިސްޓުން ނަގައި، ބަލައިގަންނަމުންދާތީ ކަމަށްވެ އެވެ.
އެޗްޓީއެސް އަކީ ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. މި ޖަމާއަތުގެ އިސް ލީޑަރަކީ އަބޫ މުހައްމަދު އަލް ޖޫލާނީ ނުވަތަ އަސްލު ނަމުންނަމަ އަހުމަދު އަލް ޝަރާއެވެ. ގާތްގަނޑަކަށް 2017 ހިސާބުގައި މި ޖަމާއަތް އުފެއްދި މަގުސަދަކީ ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލައި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވެރިކަން ކުރުން ކަމަށްވެ އެވެ.
ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓާލުމަށްފަހު މި ޖަމާއަތް ސީރިއާގެ ވެރިކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭން ނެރުނު ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައިވެސް އެޗްޓީއެސް ހިމަނާފައިވެ އެވެ.
ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ މާޗް 21، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.