އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެއްވިއްޖެނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ފްރާންސް ވިލާތުން އުފައްދާފައިވާ "ބޭބީބަޔޯ" މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަގަދަ މާއްދާއެއް ފެނިފައިތީ، އެ ބްރޭންޑުގެ ބައެއް ބެޗުތައް ވިއްކައި ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބްރޭންޑްގެ ފޯމިއުލާގެ ބައެއް ބެޗުތަކުން 'ސެރެއުލައިޑް' ނަމަކަށް ކިޔާ މާއްދާއެއް ފެނިފައިވާ ކަމަށެވެ. އެ މާއްދާއަކީ 'ބެސިލަސް ސިރިއަސް' ނަމަކަށް ކިޔާ ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.
އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެއްވިއްޖެނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންވެ، އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު، ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްގައި ބަޔާންކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
މި ވިހަ ފެނިފައި ވަނީ 'ބޭބީބަޔޯ އޮޕްޓިމާ 1' ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި 'ބޭބީބަޔޯ ކެޕްރިއާ 1' ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފަ އެވެ.
އެހެންކަމުން، އެ އޮތޯރިޓިން ވަނީ މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ބިއްކުން އަދި ބޭނުންކުރުން މަނާކޮށްފަ އެވެ.