ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިޔާޒެވެ.

ހައިކޯޓަށް އައްޔަނު ކޮށްފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިޔާޒެވެ.
ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ރައޫފަކީ 11 އަހަރު އެކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ 2022 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއްގައި އޭނާ ވަކިކުރަން ޖޭއެސްސީއިން ނިންމާފައި ވަނިކޮށެވެ.
ރައޫފަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެން އައްޔަނު ކުރެއްވި ގާޒީ ޝަފީއު ކްރިމިނަލް ކޯޓަށް އައްޔަނު ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ނިޔާޒު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފަ އެވެ. އޭނާ ވަނީ ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.