މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް މި ސާވޭ އެއް އަހަރު ދުވަހަށް ކުރިއަށްދާނެ އެވެ. މި ސާވޭގެ ސަބަބުން ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރަން މުހިންމު މައުލޫމާތުތަކެއް އެއް ކުރެވޭނެ އެވެ.

ރާއްޖޭގެ ގޭބިސީތަކުގެ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތް ދެނެގަތުމަށްޓަކައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށްގެންދާ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސަވޭ (ހަޔަސް) ފަށައިފި އެވެ.
ދައުލަތުގެ މުހިންމު ސިޔާސަތުތަކެއް ތަންފީޒު ކުރަން ބޭނުންވާ މައުލޫމާތުތައް އެއްކުރާ މި ސަރވޭއަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ވަޒަންކުރުމަށް ހިންގޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
ސާވޭގައި މައުލޫމާތު އެއްކުރެވޭނެ ދާއިރާތައް - މި ސާވޭގައި ގޭބިސީތަކުން ކުރާ ތަފާތު ހަރަދުތަކުގެ މަޢުލޫމާތު އެއްކުރެވޭނެ އެވެ. އޭގެ ތެރޭގައި ޒަރޫރީ ހަރަދުތައް ކާބޯތަކެތި، ފަރުނީޗަރު، އަދި އަންނައުނުގެ އިތުރުން ހިދުމަތްތައް ކަރަންޓާއި ފެން ބިލް، ތައުލީމީ ހަރަދު، އަދި ސިއްހީ ހަރަދު އަދި ވަގުތު ހޭދަކުރުރާ ގޮތް ގޭތެރޭގެ މަސައްކަތާއި، ވަޒީފާ އަދި މުނިފޫހިފިލުވުމަށް ވަގުތު ހޭދަވާގޮތް ހިމެނެ އެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މި ސާވޭއަކީ ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކެއްގައި ކުރިއަށްގެންދާ ސަރވޭއެއް ކަމަށެވެ. ސާވޭގައި މައުލޫމާތު ސައްހަކޮށް ދިނުމަށްޓަކައި، ގޭބިސީތަކުން ކުރާ ހަރަދުތަކުގެ ބިލްތަކާއި ރެކޯޑްތައް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ސާވޭ އިން އެއްކުރެވޭ ފަރުދުންގެ އަދި ގޭބިސީތަކުގެ މައުލޫމާތަކީ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ސިއްރު ހިފެހެއްޓޭނެ މައުލޫމާތުތަކެއް ކަމަށާއި، މި ސާވޭއަކީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ސާވޭއެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގައި އެންމެ ފަހުން ހަޔަސް ސާވޭ ފުރިހަމަކޮށް، އޭގެ ނަތީޖާ އާންމުކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެ ސާވޭއިން ދެއްކި ގޮތުން ގައުމީ ފެންވަރުގައި ގޭބިސީއެއްގެ އެވްރެޖް މަހު އާމްދަނީއަކީ ގާތްގަނޑަކަށް 26,000 އާއި 29,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި މާލޭގެ އާމްދަނީ އަތޮޅުތެރެއަށްވުރެ ނިސްބަތުން މަތިކަން ފާހަގަކުރެވިފައިވެ އެވެ. އަދި ގޭބިސީތަކުގެ ޖުމްލަ ހަރަދުގެ ބޮޑުބައެއް ހޭދަވަނީ ކާބޯތަކެއްޗާއި، ކުއްޔާއި، އަދި ދަތުރުފަތުރުގެ ހިދުމަތްތަކަށެވެ. އަދި 2019 ގެ ހިސާބުތަކުން ދެއްކި ގޮތުގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 8.2 ޕަސެންޓް މީހުން ދިރިއުޅެމުންދަނީ ގައުމީ ފަގީރުކަމުގެ ރޭންކަށްވުރެ ދަށުގަ އެވެ.