އަދި މި އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމްކުރުން ހިމެނެ އެވެ.

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ހިދުމަތް މި މަހުގެ ތެރޭގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ފަށާނެ ކަމަށް މިއަހަރުގރ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމްކުރުމުގެ އިތުރުން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ދޭނެ އެވެ. އަދި އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމްކުރުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.
"ބައިނަލްއަގުވަމީ ހިދުމަތް ދޭ ޕޯޓް [އުތުރާއި ދެކުނުގައި] އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،" ސައީދު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ޤާޢިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށްވެސް ލިބޭނެ އުފަލަކާއި ހިތްހަމަޖެހުމަކަށްވާނެ އަތޮޅުތެރެއަށް މި އަންނަ ކާގޯގެ އަގު ހެޔޮކުރެވި، އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުމުން،" ރިޝްވާން ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނީ މި ހިދުމަތްތަކަކީ ދެކުނުގެ ސަރަހައްދުތަކުގެ ތަރައްގީގައި ވެސް އައްޑޫ ސިޓީން އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއް ކަމަށެވެ.