ޗާގޯސްގެ މައްޗަށް ރާއްޖޭން ކުރާ ދައުވާއާ ގުޅިގެން، ތުރުކީވިލާތުގެ އަނަދޫލޫ އޭޖެންސީ ނޫހުން ސުވާލުކުރުމުން، ޔޫކޭގެ ފޮރިން އޮފީހުން ބުނީ، ޗާގޯސް މައްސަލައަކީ މޮރިޝަސް އާއި ޔޫކޭ އާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.

ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށް ވުރެ ރާއްޖޭގެ ހައްގު މާބޮޑުކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް، އެ މައްސަލައަކީ ހަމައެކަނި މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށް ޔޫކޭ ސަރުކާރުން ބުނެފި އެވެ.
ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދަން ދިވެހި ސަރުކާރުން މި ފަހުން ވަނީ މަސައްކަތް ފަށައިފަ އެވެ.
މިގޮތުން، ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެނެސް، ޗާގޯސް އާ ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާކަމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.
އަދި ރާއްޖެ އާއި ޗާގޯސް އާދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަން ވެސް ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.
ރައީސް ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދަން ވެސް އިނގިރޭސިވިލާތުގެ ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެގޮތުން، މޮރިޝަސްއަށް ވުރެ ޗާގޯސް ހައްގީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އިނގިރޭސިވިލާތުގެ ސަރުކާރަށް ދެ ސިޓީއެއް ފޮނުވައި، އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކު ފޯނު ކޯލަކުން މަޝްވަރާ ކުރައްވާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ޗާގޯސްގެ މައްޗަށް ރާއްޖޭން ކުރާ ދައުވާއާ ގުޅިގެން، ތުރުކީވިލާތުގެ އަނަދޫލޫ އޭޖެންސީ ނޫހުން ސުވާލުކުރުމުން، ޔޫކޭގެ ފޮރިން އޮފީހުން ބުނީ، ޗާގޯސް މައްސަލައަކީ މޮރިޝަސް އާއި ޔޫކޭ އާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.
"ކޯޓުތަކުގެ ހުކުމްތަކާއި އިދާރާތަކުގެ ނިންމުންތަކުގައި ސާފުކޮށް ބުނެފަވަނީ، ޗާގޯސްގެ ސިޔާދަތާ މެދު އުފެދިފައި އޮތް ސުވާލަކީ، ޔޫކޭ އާއި މޮރިޝަސް އާ ދެމެދު އޮތް ބައިލެޓަރަލް މައްސަލައެއް ކަމަށް،" ފޮރިން އޮފީހާ ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.
ނަމަވެސް، ޗާގޯސް އާ ގުޅިގެން ރާއްޖޭން އެދިފައިވާ އެދުމަށް ފޮރިން އޮފީހުން ސީދާ އިޝާރާތްކޮށްފައެއް ނުވެ އެވެ.