ރާއްޖޭގެ ބޮޑު ދަރަނި ދައްކަން 566 މިލިއަން ޑޮލަރު ރައްކާކޮށްފި

އެޕްރީލް މަހު ދައްކަން ޖެހެނީ 500 މިލިއަން ޑޮލަރެވެ. މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި 291 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި މީގެ އިތުރުން ފަހަށް ރައްކާ ކުރާ އެސްޑީއެފްގައި މި ވަގުތު 275 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

ވީއައިއޭއިން ސީޕްލޭންގައި ފުރަން ޓޫރިސްޓުން މަޑުކޮށްލައިގެން -- އެމްއޭސީއެލް

އަންނަ އަހަރު ރާއްޖޭން ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހަމަކޮށް، މި ވަގުތު ވެސް ދައްކާ ލެވޭ ހާލަތަށް ފައިސާގެ ބޮޑު ބައެއް ރައްކާކޮށްފި އެވެ. 

ރާއްޖޭގެ ޖުމްލަ ރިޒާވް 1.1 ބިލިއަން ޑޮލަރުގައި ހުރިއިރު ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓަށްވާ ފައިސާ އުނި ކުރުމަށްފަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 291 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މީގެ އިތުރުން ފަހަށް ރައްކާ ކުރާ ފަންޑު ނުވަތަ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެންވެ މިވަގުތު ދަރަނި ދައްކަން ބޭނުންނަމަ ދެއްކޭ ހާލަތުގައި އެމްއެމްއޭގެ ބެލުމުގެ ދަށުގައި ޖުމްލަ 566 މިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެންކަމުން މިއީ މި އަހަރުގެ އޭޕްރީލް މަހު އަދާކުރަން ޖެހޭ 600 މިލިއަން ޑޮލަރުގެ ބޮޑު ދަަރަނި އަދާކެވޭނެ އަދަދެކެވެ. 

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ މި ފައިސާ މިވަގުތު ހުރިކަމަށް ވިދާޅުވެފަ އެވެ. ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ކުރިން އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އޮތް ގޮތުން ފަސްކުރާނަމަ އައިއެމްއެފްގެ ޕްރޮގްރާމަކަށްދާން ޖެހޭ ކަމަށާ މިއީ ކުރިން ރާއްޖޭގެ ބައެއް ފަރާތްތަކުން ކަންބޮޑުވި ކަމެއް ކަމަށެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ދެކެވުނު މަޝްވަރާތަކާއެކު އެ ކޮންޑިޝަން ރިމޫވްކޮށްފައިވާ ކަމަށެވެ.

"މީގައި ފާހަގަ ކޮށްލަން ޖެހެނީ އެ ފައިސާ ބަހައްޓާފައި ހުރީ ސަރުކާރަކަށް އެއްވެސް ބޭނުމެއް ނުކުރަން. ސަރުކާރުން މިދިޔަ އަހަރުތަކުގައިވެސް މި އަހަރުވެސް އެ ފައިސާ ބޭނުމެއް ނުކުރަން. އެހެންވީމަ ގަވަރުނަރު ބޭނުންވާ ވަގުތެއްގައި ސެޓަލް ކުރެވޭ ގޮތަށް އެ ހުރީ،" ޒަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ

މިނިސްޓަރު ޒަމީރު ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ސަރުކާރުގެ ޕްލޭނެއް އެބަހުރި ކަމަށާ ޔޫޒަބަލް ރިޒާވް ވެސް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަށް އޮޅިވަަޑައިގެން ވަނީ ޔޫޒަބަލް ރިޒާވްގައި ހުރީ 600 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެވިފަ އެވެ. ނަމަވެސް އެ އަދަދު ހަމަނުވިނަމަވެސް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރާ ގާތްކުރާ އަަދަދެއް އެބަހުއްޓެވެ. 

"މިހާރުވެސް ޔޫޒް ނުކޮށް ކަމެއް ދިމާވެދާނެތީ 400 މިލިއަން ޑޮލަރު އެބަހުރި. އެހެންވީމަ ޖެނެރަލީ ރާއްޖެ އެކްސްޓާނަލް ޑިފޯލްޓަކަށް ދިއުން ހުރީ ކޮންޓްރޯލްގެ ދަށުގަ. ރައީސްވެސް ވިދާޅުވި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެއޭ. މިއީ ބައެއް އެކުއެޒިޝަން ކޮސްޓް ކަހަލަ ރެވެނިއު،" ޒަމީރު ވިދާޅުވި އެވެ. "އެހެންވީމަ މި 500 މިލިއަން ދައްކަން ނަގަން ޖެހުނަސް ޖެހޭނީ 150 މިލިއަން ޑޮލަރު." 

މިނިސްޓަރު ޒަމީރު ވިދާޅުވީ މިހާރުގެ ހާލަތު ހުރި ގޮތުން 15 ނޫނީ 20 ޕަސެންޓުގެ އިންޓެސްޓުގައި ދަރަނި ނަގަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތެވެ. 

"އެކަމަކު މިހާރު ޔޫއެސް ސަރުކާރުން މި ބްރޯކުރަނީ 4 ޕަސެންޓަށްވުރެ މަތީގަ. އަނެއްކާ ރާއްޖޭގެ ކްރެޑިޓް ރޭޓިން އަށް ވެސް ބަލާފަ. އިތުރަށް ބޮރޯކުރަން ޖެހުނަސް ބޮޑުކޮށް ނުޖެހޭނެ. ކުރިން އިންޓަނޭޝަނަލް މާކެޓުގައި ދައްކޮށް ހުރިއިރު އެމްޑީޕީ ސަރުކާރުން ނެގި އިންޓްރެސްޓް ރޭޓަށްވުރެ ދަށްކޮށް އަޅުގަނޑުމެން ނެގިޔަސް ނަގާނީ،" ޒަމީރު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓްރީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އާއްމުކުރި ދަރަނީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަަރަނީގެ ނިސްބަތް މިހާރު ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 88 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ދަރަނި ހުރީ 151 ބިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ މައުލޫމާތު ކުރުކޮށް

  •  ޖުމްލަ ދަރަނި - 151 ބިލިއަން ރުފިޔާ
  •  ބޭރުގެ ދަރަނި - 63 ބިލިއަން ރުފިޔާ
  •  އެތެރޭގެ ދަރަނި - 88 ބިލިއަން ރުފިޔާ

ބޮޑު ދަރަނި - މި އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.