ޕީއެންސީން 80 ޕަސެންޓަށްވުރެ ބޮޑުކޮށް މި އިންތިހާބު ކާމިޔާބު ކުރާނެ: ފަލާހު

"އެމްޑީޕީއަށް ވާދަކުރަން ނުކެރުނީމައި އެހެރީ އެތައް ގޮނޑިއެއް ފްރީކޮށް ލިބިފައި. ﷲ އިރާދަކުރެއްވިއްޔާ މި އިންތިހާބު ތަނަވަސް އަޣުލަބިއްޔަތުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓުން މަތިން،" ފަލާހު ވިދާޅުވި އެވެ.

އެމްޕީ އިބްރާހިމް ފަލާހް

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓަށްވުރެ ބޮޑުކޮށް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގެ ޕީއެންސީ ކެނޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މި އިންތިހާބުގެ ކެމްޕޭނު މެނޭޖަރު، ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ޒައާމަތް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ވަރުގެ "ތަރައްގީގެ ޒައާމަތަކަށް" ކަމަށެވެ.

އޭނާ ވިދާޅުވީ ދަރިންނާއި ރަށާއި ސިޓީ އާއި ގައުމަށްޓަކައި ކުރިއަށް ދާން ނިންމާނީ ވޯޓުލާ ދުވަހު ކަމަށާއި، އެދުވަހު ޖަހާ ފާހަގައިން ކުރިމަގުގައި ބޭނުންވާ ގޮތް ނިންމޭނެ ކަމަށެވެ.

"ހިންގަވާ ތިޔަބޭފުޅުން ޕީއެންސީގެ މި ޓީމު ކައުންސިލަށް ނަގަން، ނަގާފައި ޓެސްޓު ކޮށްލަން. އަޅުގަނޑު 100 ޕަސެންޓު ޔަގީންކަން ދެން ﷲ ގެ ރަހުމަތްފުޅާއެކު ތިޔަބޭފުޅުންނަށް މި ޓީމު ވެގެން ދާނީ މިއަދުގެ ސަރުކާރާ ގުޅިގެން މި ސިޓީގައި ކުރަން މި ހުރި ހުރިހާ މަސައްކަތެއް ނިންމައިދޭނެ ކައުންސިލަކަށް،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ ވަރަށްވެސް ފުރިހަމަ، ކޮންމެ ރައްޔިތަކަށްވެސް ސާފުކޮށް އެނގޭނެހެން ކުރަހާފައިވާ ޕްލޭނެއް ކަމަށެވެ. ބަޔާނުގެ ފުރިހަމަ ކަމުން، އަތް ނުޖަހަން ތިއްބަސް އިދިކޮޅު ފަރާތްތަކުން އަތްޖަހާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މި އިންތިހާބުގައި ބައެއް ދާއިރާތަކަށް ކުރިމަތިލާން "ނުކެރުމުގެ" ސަބަބުން "ފްރީ" ކޮށް ޕީއެންސީއަށް ގޮނޑިތައް މިހާރުވެސް ލިބިފައިވާ ކަމަށެވެ.

"އެމްޑީޕީއަށް ވާދަކުރަން ނުކެރުނީމައި އެހެރީ އެތައް ގޮނޑިއެއް ފްރީކޮށް ލިބިފައި. ﷲ އިރާދަކުރެއްވިއްޔާ މި އިންތިހާބު ތަނަވަސް އަޣުލަބިއްޔަތުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓުން މަތިން،" ފަލާހު ވިދާޅުވި އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.