އެމްޕީއެލްއިން އާ ހިދުމަތެއް | މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް

މި ހިދުމަތުގެ ސަބަބުން އަސާސީ މުދާލާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ސަރަޙާއްދީ ގުދަންތަކާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޝެޑިއުލްކޮށްގެން ކުރާ ދަތުރުތަކާއި ކޯލްޑް-ޗެއިން ކެޕޭސިޓީ އިތުރަށް ހަރުދަނާ ކުރުން ހިމެނެ އެވެ

އެމްޕީއެލްގެ އާ ހިދުމަތް ފިނޭންސް މިނިސްޓަރު ޒަމީރު ތައާރަފު ކޮށްދެއްވަނީ -- އެމްޕީއެލް

ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން، ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުން، އަސާސީ ތަކެތި ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަރުމާކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރެވެ.

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އަސާސީ މުދާލާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ސަރަޙާއްދީ ގުދަންތަކާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ޝެޑިއުލްކޮށްގެން ކުރާ ދަތުރުތަކާއި، ކޯލްޑް-ޗެއިން ކެޕޭސިޓީ އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ.

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް - މިއީ ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލުމަށް އެމް.ޕީ.އެލްއިން ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ. މިއާއެކު، ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ. ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް "ANCHOR" ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމް.ޕީ.އެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމް.ޕީ.އެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ޚިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފައެވެ.

އެމްޕީއެލްގެ އާ ހިދުމަތް ފިނޭންސް މިނިސްޓަރު ޒަމީރު ތައާރަފު ކޮށްދެއްވަނީ

މި ޚިދުމަތުގެ ދަށުން އެމް.ޕީ.އެލް އިން އަލަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ޚިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ގެ ޚިދުމަތް ހިމެނެއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕް ކޮންޓޭނަރުތައް، އެމް.ޕީ.އެލްގެ އުޅަނދުތަކުން ސަރަޙައްދީ ބަނދަރުތަކަށް (ހިތަދޫ ޕޯޓް އަދި ކުޅުދުއްފުށީ ޕޯޓަށް) ސީދާ ފޮނުވައިދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގެ މަރުޙަލާތަކުގައި ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، މުދާ އަވަހަށް ލިބޭނެ ޚަރަދުކުޑަވާނެ ނިޒާމެކެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.

އެމްޕީއެލްގެ ޗީފް ލޮޖިސްޓިކްސް އޮފިސަރު އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަކަމަކީ ޝެޑިއުލްކުރެވިފައިވާ ދަތުރުތަކެއްގެ ތެރެއިން މުދާ ޑެލިވަރކުރުމުގެ ހިދުމަތް ލިބުމެވެ.

"ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާއި އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެއްގެ އެހީއަކާ ނުލާ އެމްޕީއެލް އިން އެ ޚިދުމަތް ފޯރުކޮށްދޭނެ. އަދި އެމްޕީއެލްގެ ފެރީ ނިޒާމްގެ ދަށުން ކަނޑައެޅިފައިވާ ދުވަހަށް މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ" ނާޒިމް ވިދާޅުވި އެވެ.

ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާއި އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެއްގެ އެހީއަކާ ނުލާ އެމްޕީއެލް އިން އެ ޚިދުމަތް ފޯރުކޮށްދޭނެ

އަޙްމަދު ނާޒިމް | ޗީފް ލޮޖިސްޓިކްސް އޮފިސަރު

މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު ލޭންޑިންގް ކްރާފްޓެއް ބަނުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި މި އުޅަނދު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އަލަށް ތަޢާރަފްކުރާ ޚިދުމަތްތަކުގެ ތެރޭގައި ކޮމާޝަލް ވެއާރހައުސިންގ ހިމެނެއެވެ. ތިލަފުށީގައި ގާއިމްކުރާ މި ގުދަންތަކަކީ، ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މީގެ އިތުރުން، އެމްޕީއެލް އިން މިހާރުވެސް ދެމުންގެންދާ "ޕްރޮޖެކްޓް ކާގޯ ހޭންޑްލިންގ" ޚިދުމަތުން ފާއިތުވި 6 މަސްދުވަހު ރަނގަޅު އާމްދަނީއެއް ލިބިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ލޮޖިސްޓިކްސް ސަވިސްގެ ތެރެއިން ބޭރުން އަންނަ ބޮޑެތި އުޅަނދުފަހަރުތަކަށް އަމާޒުކޮށްގެންދޭ "ސްޓީވްޑޯރިން" ޚިދުމަތާއި، ބޮންޑެޑް ވެއަރ ހައުސް އަދި "ސީ-ޓު-އެއާ ކާގޯ" ގެ ހިދުމަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ޙިދުމަތްތައް ދުވަހުން ދުވަހަށް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

އެގޮތުން ސީ-ޓު-އެއާ ގެ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އެލް.ސީ.އެލް މުދާ ހަލުވިކަމާއި ފަސޭހަކަމާއެކު އުފުލައިދިނުމަށް ފަރުމާކުރެވިފައިވާ އާ ހިދުމަތެއް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތު ވެސް މި ހިދުމަތުގެ ދަށުން ލިބިގެންދާނެ އެވެ. މި ހުރިހާ ލޮޖިސްޓިކްސް ޚިދުމަތް ތަކެއް އެއް ވިއުގައަކުން ގުޅާލައި މިއަހަރު ނިމުމުގެ ކުރިން މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.